މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މަޢުލޫމާތު އެމްޑީޕީގެ ޤައުމީ މަޖިލީހާ ހިއްސާކުރައްވަމުން ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ މިޙާދިސާއާ ގުޅޭގޮތުން މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

މިހަމަލާގައި ރައީސް ނަޝީދު ބޮޑެތި ނުރައްކާތެރި ހާނީއްކަތަކެއްވެ، ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، 16 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ރައީސް ނަޝިދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިއްޔެ މެނދުރު ރައީސް ނަޝީދާ ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ، މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ އަމިއްލަފުޅު ބައެއް ވާހަކަފުޅުތަކާއި ބޭސްފަރުވާއާ ބެހޭ ވާހަކަތަކާއި އަދިވެސް ބައެއް އިތުރު ވާހަކަފުޅުތައް އެމަނިކުފާނާ ޙިއްސާކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައީސް ނަޝިދުގެ ހިތްވަރުފުޅަށް ކުޑަވެސް ބަދަލެއް ނާންނަކަމަށާ، ޢަޒުމްފުޅުގެ ވަރުގަދަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިވަގުތު ދިވެހި ސަރުކާރުގެ އެންމެމުހިންމު އެއް އަމާޒަކީ މި ނުރައްކާތެރި ޓެރަރިސްޓު ޙަމަލާ ދިން މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުން ކަމަށާ، މިމައްސަލައިގެ ތަހްޤީގަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ތަޙްޤީޤީ އިދާރާތަކުން ބޭނުންކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކަމާބެހޭ ބޭރުގެ ތަޖްރިބާކާރުން މިތަޙްޤީގުގައި ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ތަހްޤީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާ، ބޮން ގޮއްވާލިކަމަށް ބެލެވޭ މީހާއާއި މިހަމަލާ ދިނުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ބެލެވޭ އިތުރު 2މީހަކު ހައްޔަރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ހެކި ހޯދުމަށްޓަކައި، ގުޅުންހުރި މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށާ، މިހަމަލާދިނުމުގައި ބޭނުން ކުރި އައިއީޑީއާ ގުޅޭ މުހިންމު މަޢުލޫމާތުވެސް ސިފައިންނާއި ފުލުހުންގެ މަސައްކަތުން ވަނީ ހޯދާފައިކަމަށް ރައީސް ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހްޤީގަށް ލިބެމުން އަންނަ ކުރިއެރުންތަކުގެ އެންމެފަހުގެ މަޢުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް އެމަނިކުފާނާ އަރުވަމުން ގެންދާކަމަށާ، ކޮންމެ 24 ގަޑިއިރަކުން އެމަޢުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާވެސް ފުލުހުން ޙިއްސާ ކުރަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަހްޤީގަށް ބޭނުންވާ އެކިއެކި ކަންކަމުގައި އެހީތެރިވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށާ، މިމައްސަލައިގެ ޝަރީޢަތަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން ވަޑައިގަންނަވާނީ ސީދާ ޕްރޮސެކިއުޓަރ ޖެނަރަލް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިތަހްޤީގަކީ ފުރިހަމަ ތަހްޤީގަކަށް ހަދައި ރައީސް ނަޝީދަށް ޙަމަލާދިނުމުގައި ޝާމިލުވި އެންމެން ވީހާވެސް އަވަހަށް އިންސާފް ޤާއިމުކުރުމަށް ކުރައްވަންޖެހޭ ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެރަރިސްޓުންގެ ބޭނުމަކީ އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފައްދައި އަމަން އަމާންކަން ނަގާލައި ސުލްހަވެރިކަން ނައްތާލުން ކަމަށާ، އެކަންކަން ކުރާކަށް މިސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށެވެ.

“ޓެރަރިސްޓުންގެ ބޭނުމަކީ އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުން. އަމަން އަމާންކަން ނަގާލުން. ސުލްހަވެރިކަން ނެތިކޮށްލުން. ޝައްކު އުފައްދައި ޤައުމު ފިތުނަފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖްތަމަޢުގެ ތެރޭގައި އޮތް ބަދަހި ސަފުތައް ރޫޅައިލުން. މިޕާޓީއަކުން އެކަން އެގޮތަކަށް ވިޔަކަ ނުދޭނަން. މިސަރުކާރުން އެކަން އެގޮތަށް ކުރާކަށް ފުރުސަތެއްވެސް ނުދޭނަން. އަދި މިޕާޓީގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަކުންވެސް އެފަދަ އަމަލުތަކަށް ޖާގައެއް ނުދޭނެ. މިޕާޓީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ޕާޓީއެއް. ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ތާޢީދުކުރާ ޕާޓީއެއް. އަނެކާގެ ފުރާނައަކީ އަގުހުރި އެއްޗެއްކަންކަން ދަނެ އެކަމަށް އިޙްތިރާމްކުރާ ޕާޓީއެއް. މިއީ އެއްވެސް ޒަމާނެއްގައި އެއްވެސް ހާލެއްގައި ބަދަލެއް އަންނާނެ ސިޔާސަތުތަކެއް ނުވަތަ ވިސްނުމެއްވެސް ނޫން.” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ އިހަށްވުރެ ބާރުލާފައި ކުރިއަށްވުރެ އަޑުހަރުކޮށް އައު ޢަޒުމެއްގައި އައު ހިތްވަރަކާއެކު ތެދުވަންވީ ވަގުތު ކަމަށެވެ. އަދި މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ތައްޔާރުވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ މިފަދަ އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއްކަމަށެވެ. އެހެންނަމަވެސް މިދަނޑިވަޅަކީ ޕާޓީގެ ބަދަހިކަމަށް ވަރަށްމުހިންމު ވަގުތެއް ކަމަށާ، މިދަނޑިވަޅުގައި އިންތިޚާބު ބޭއްވުމާމެދު ވިސްނާލުން ބުއްދިވެރިކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

މަސްދަރު: ޕީއެސްއެމްނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: ތުލުސްދޫން އިތުރު ދެމީހަކު ފައްސިވެއްޖެ

ކ. ތުލުސްދޫ އިން ކޮވިޑް-19 އަށް އިތުުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ތުލުސްދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުން އިއްޔެ ...

އެމްޑީޕީއަށް ވެރިކަން ލިބޭނީ ނިޒާމު ބަދަލުކޮށްގެން – ނަޝީދު

އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހުގެ ކިބައިން ...

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ...