ޗައިނާގެ ވުހާން ސިޓީގައި ތިބި 7 ދިވެހީން އިންޑިއާއަށް ގެންގޮސް ކަރަންޓިންކޮށްފި

    ޗައިނާގެ ވުހާން ސިޓީގައި ތިބި 7 ދިވެހީން އިންޑިއާއަށް ގެންގޮސް ކަރަންޓިންކޮށްފިއެވެ. މި 7 ދިވެހީން އިންޑިއާއަށް ގެންގޮސްފައިވަނީ ޗައިނާގެ ވުހާން ސިޓީގައި ތިބި އިންޑިއާގެ 323 މީހުންނާއިއެކު އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައެވެ.

    އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ގެންގޮސްފައިވާ 7 ދިވެހީން  ވަކި މުއްދަތެއް ވަންދެން އިންޑިއާގައި ކަރަންޓީނު ކުރުމަށްވަނީ ހަމަޖެހިފައެވެ.

    ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެހިން ދިރިއުޅެމުންދާއިރު ފޮރިންގ މިނިސްޓަރ މީގެކުރިން ވިދާޅުވީ އެ 9 މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ.

    މުޅިޗައިނާގައި 69 ދިވެހިން ދިރިއުޅެމުންދެއެވެ. ނަމަވެސް މިހާރު ޗައިނާގައި ތިބީ 43 ދިވެހިންކަމަށް މިނިސްޓަރ މިއަދު ވަނީ ވިދާޅުވެފައެވެ. ސަރުކާރުންވަނީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭން ފަށާފައެވެ.