އިންޑިޔާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއުފުލުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި ހަތަރު ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަނޑިޔާރު ޖޭ ޗެލަމެޝްވަރު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އިންޑިޔާގެ ސްޕްރީމް ކޯޓުގެ ޤަވާއިދުތަކަށް ޢަމަލު ނުކުރެއްވުމުގެ ސަބަބުން، އެ ކޯޓުގެ ކަންކަން ހިނގަމުންދަނީ އިންސާފަކުން ނޫންކަމަށެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް މީޑިޔާގައި ވާހަކަދެއްކުމަކީ އާދައިގެ ކަމެއް ނޫނެވެ. ނޫސްވެރިންގެ މި ބައްދަލުވުން ބޭއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޗެލަމެޝްވަރުގެ ގޭގައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ފަނޑިޔާރުންގެ ތެރޭގައި ކޫރިޔަން ޖޯސެފާއި މަދަން ލޮކޯ އާއި ރަންޖަން ގޮގޮއި ހިމެނިވަޑައިގަންނަވައެވެ.

ފަނޑިޔާރު ޗެލަމެޝްވަރު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާ މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރައްވަނީ އިންސާފުން ނޫންކަމަށާއ، އޭނާގެ ޢަމަލުތައް ހުންނަގޮތުން އިންޑިޔާގެ ޑިމޮކްރެޓިކް ނިޒާމު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަމަށެވެ.

އިންޑިޔާގެ ސްޕްރީމް ކޯޓުގެ މައްސަލަތައް، އުއްތަމަ ފަނޑިޔާރު ބޭނުންވާގޮތަކަށް، ބޭނުންވާ ފަނޑިޔާރަކާ ހަވާލުކުރެއްވުމުގެ ބަދަލުގައި، އެކަން ކުރުމަށް ކޯޓުގައި އޮންނަ ޤަވާއިދާ އެއްގޮތަށް ގެންދިޔުމަށް އުއްތަމަ ފަނޑިޔާރަށް އެކިގޮތްގޮތުން ދަންނަވައިގެންވެސް ޙާސިލްކުރެވުނު ކަމެއް ނެތްކަމަށް ޗެލަމެޝްވަރު ވިދާޅުވިއެވެ.

ހުކުރުދުވަހު ހެނދުނުވެސް އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއާ ބައްދަލުކުރައްވައި ސުޕްރީމް ކޯޓުގެ މައްސަލަތައް ހަވާލުކުރުމުގެ ކަންތައް، ސުޕްރީމް ކޯޓުގައި އޮންނަ ޤަވާއިދާ އެއްގޮތަށް ކުރުމުގެ މުހިއްމުކަން އުއްތަމަފަނޑިޔާރަށް ވިސްނައިދޭން މަސައްކަތް ކުރެއްވިކަން، އެ ހަތަރު ފަނޑިޔާރުން ނެރުއްވި ބަޔާނުގައި ފާހަގަކުރެއްވާފައިވެއެވެ.

އަދި މީޑިއާއަށް މިކަން ހާމަކުރަން ޖެހުނީ އެހެން ގޮތެއް ނެތިގެންކަމަށް ފަނޑިޔާރު ޗެލަމެޝްވަރު ވިދާޅުވިއެވެ.

ފަނޑިޔާރު ރަންޖަން ގޮގޮއި ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ބާރާއި ނުފޫޒު ފޯރުވޭފަދަ ބެންޗެއް ސުޕްރީމް ކޯޓުގައި އޮންނަކަމަށް ބެލެވޭއިރު އެބެންޗާ ގިނަ މައްސަލަތައް ހަވާލުކުރުމަކީ މައްސަލަތަކަށް އުއްތަމަ ފަނޑިޔާރުގެ ބާރާއި ނުފޫޒު ފޯރާނެކަމެއް ކަމަށް ބެލެވެތީ އެކަން އިސްލާހް ކުރުމަށް އެދި އުއްތަމަ ފަނޑިޔާރުގެ އަތްޕުޅަށް ސިޓީއެއްއެރުވިކަމަށެވެ.

ނަމަވެސް އެ ސިޓީއަށްވެސް ޖަވާބު ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމައްސަލާގައި އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާ މަގާމުން ދުރުކުރެވިދާނެތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފަނޑިޔާރުން ވިދާޅުވީ އެއީ އިންޑިޔާގެ ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ކަމެއްކަމަށެވެ.

މިއީ އިންޑިޔާގެ ސުޕްރީމް ކޯޓުގެ ތާރީޚުގައިވެސް މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންފައިވާއިރު މޯދީވަނީ މިމައްސަލައާ ގުޅިގެން އިންޑިޔާގެ ޤާނޫނާ ބެހޭ ވަޒީރު ރަވިޝަންކަރާ މަޝްވަރާ ކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސައިންސްވެރިންނާ ...

އިންޑިއާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފި

ވެކްސިންގެ ހުރިހައި ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފިއެވެ. ޔޫއެއީން ބުނެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ...

އެމެރިކާއާ ކުރިމަތިލުމުގައި ޕާކިސްތާނާއެކު ވާނަން- ޗައިނާ

އެމެރިކާގެ ބިރުދެއްކުންތަކާ ކުރިމަތިލުމުގައި ޕާކިސްތާނުގެ ފަހަތުގައި އޮންނާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފިއެވެ. ޕާކިސްތާނުން ޓެރަރިޒަމަށް އެހީތެރިވާކަމަށް އަދި އެމެރިކާއަށް ...