ފަތުރުވެރިކަމަށް ގެއްލުންވާނެފަދަ ޢަމަލެއް ނުހިންގަން – ކަސްޓަމްސް

ޤަވާޢިދާއި ޚިލާފަށް ބަނގުރާ ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ރިސޯޓުތަކުން، އެތަކެތި އަނބުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގާ އޮޕަރޭޝަންގައި، ފަތުރުވެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެފަދަ އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ފަން އައިލެންޑް ރިސޯޓަށް ޤަވާއިދާ ޚިލާފަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކާ ހިންގި އޮޕަރޭޝަނަކީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ހިންގާ އޮޕަރޭޝަނެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ. ބޮންޑެޑް ވެއަރހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ، ޤަވާޢިދާ ޚިލާފާ 4 ރިސޯޓަކަށް ގެންގޮސްފައިވާކަމަށް ލިބުނު މަޢުލޫމާތާގުޅިގެން، 5 ރިސޯޓެއް ކަސްމަޓްސްއިން ދާދިފަހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެތަކެތި މިހާރުވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ކަސްޓަމްސްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބަނގުރާ ޤަވާއިދާ ޚިލާފަށް ގެންގޮސްފައިވާ ރިސޯޓްތަކުން އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް އަނބުރާ ގެންގޮސްފައިވަނީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުންކަމަށެވެ. ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ފަތުރުވެރިކަމުގެ ސިނާޢަތަށް ނުރަނގަޅު އަސަރެއްކޮށްފާނެފަދަ އަދި ފަތުރުވެރިންނަށް ނުރަނގަޅު މަންޒަރެއް ސިފަވާގޮތަށް އަމަލުކޮށްފައިނުވާކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ސުލްޙަވެރިކަމާއެކު ހިންގި އޮޕަރޭޝަނެއްކަމަށެވެ.

އެގޮތުން ރިސޯޓުތައް ބަލައިފާސްކުރުމުގެ ކުރިން، ކަސްޓަމްސްގެ ޤާނޫނީ ޒިންމާއާއި، ބަލައި ފާސްކުރަން ބޭނުންވާ ތަންތަނާއި، އެތަންތަން ބަލައި ފާސްކުރަން ބޭނުންވާ ސަބަބު ތަފްސީލުކޮށް ކިޔައިދީފައިވާނެކަމަށް ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ބަލައި ފާސްކޮށްފައިވަނީ ބަނގުރާ ބަހައްޓާފައި ހުންނަ ސްޓޯރޭޖުތައް އެކަނި ކަމަށާއި، ފަތުރުވެރިން އުޅޭ ސަރަހައްދުތަކާއި، ރިސޯޓުތަކުގެ ކޮޓަރިތައް ބަލައި ފާސްކޮށްފައި ނުވާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ މިތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެއުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައިނުވާކަމަށްވެސް ކަސްޓަމްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެތަންތަނުގައި ހުރި ހުރިހާ ބަނގުރަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމުގެ ބަދަލުގައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވުނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެތަންތަނަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ތަކެތި އެކަނިކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޤާނޫނު ތަންފީޒުކުރުމަށްޓަކާ ކަސްޓަމްސްއިން ކުރާ މަސައްކަތްތައް، ވަކި ބައެއްގެ ސިޔާސީ މަޤްޞަދު ހާސިލުކުރުމަށްޓަކާ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށް ދޮގު ޚަބަރު ފަތުރައި، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކުށެއް، އެއީ ކުށެއް ނޫންކަމަށް އާއްމު ރައްޔިތުންނަށް ވިސްނައި ދިނުމަށްޓަކާ ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކަސްޓަމްސްއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބަނގުރަލާއި، އޫރުމަސް ރާއްޖެއަށް ގެންނަންވާނީ އަދި ގެންގުޅެންވާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ޤަވާއިދާ އެއްގޮތަށް ކަމަށާއި، އެ ޤަވާއިދާ ޚިލާފަށް އެތަކެތި އިމްޕޯޓްކޮށް ގެންގުޅުމަކީ ކުށެއްކަމަށް ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން ހަދާފައިވާ ބަނގުރަލާއި އޫރުމަހުގެ ޤަވާއިދުގައި ރިސޯޓުތަކަށް ބަނގުރާ ދޫކުރެވޭނީ ހަމައެކަނި އެ ރިސޯޓެއްގައި ރަޖިސްޓްރީވެގެން ތިބޭ ބިދޭސީން ނުވަތަ އެތަނަށް ޒިޔާރަތްކުރާ ބިދޭސީންނަށެވެ. އަދި ޚިދުމަތްދޭ ސަރަޙައްދުން އެތަކެތި ބެރަށް ގެންގޮސް، އެއްވެސް ފަރާތަކަށް ދީ ވިއްކައި ހެދުމަކީ މަނާކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާމިނަތުއަށް ގަދަ ހަޔަކުން ޖާގަ ނުލިބެންވީ ސަބަބެއްނެތް – ސަތޯ

އާމިނަތު ގަދަ 6 ކުޅުންތެރީންގެ ނުހިމަނާ ގަދަ 6 ކުޅުންތެރީން ހޮވުމަކީ ވަރަށް ޚުދުމުޚްތާރުކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް ކުޅިވަރު ...

ދުސްތޫރު ދެމެހެއްޓުމުގެ މަސައްކަތް ކުރާ މީހުން ފައިސާގެ ނުފޫޒުގައި ޖެހިގެން ނުވާނެ- ރައީސް ޔާމީން

1 ފެބްރުއަރީގެ އަމުރުން ނަގަން ޖެހޭ ފިލާވަޅަކީ ދުސްތޫރު ދެމެހެއްޓުމުގައި މަސައްކަތް ކުރާ މީހުންގެ ތެރެއަށް ފައިސާގެ ނުފޫޒު ...

ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ...