އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރު ޚިދުމަތްދޭން ފަށާނަން – މިނިސްޓަރ ނާޒިމް

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެތަނުން އާއްމުން ރައްޔިތުންނަށް ޚިދުމަތްދެއްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި، ދެކުނުގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްވަޢުދެވެ. އެގޮތުން 17ވަނަ ސާރކް ސަމިޓު ބޭއްވުމަށް އައްޑޫ ސިޓީގައި ޢިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައި އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ.

މި މަޝްރޫޢުގެ ދަށުން ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު ދެކުނު ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި، ރައްޔިތުންގެ ސިއްޙީ ޚިދުމަތަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހޮސްޕިޓަލްގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތަކަށާއި، ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ޙަރަދުވާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މި ހޮސްޕިޓަލްގެ މަސައްކަތް ތާވަލާ އެއްގޮތަށް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. މި ހިނގާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ހޮސްޕިޓަލް ޢިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއްވެސް ނިމިގެންދާނެ. މިއީ ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކުރެވޭ ހޮސްޕިޓަލެއް. އެއީ ހޮސްޕިޓަލް އިމާރާތްކުރުމާއި އަދި ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިނަރީއާއި އިކުއިޕްމަންޓްސް ހޯދުމަށްޓަކާ. ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ގަތުމަށްޓަކާވެސް ބިޑްކޮށްގެން ކުރިއަށްގެންދަންޖެހޭ މުޢާމަލާތްތައް މިހާރު އެބަކުރިއަށްދޭ” ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ، އައްޑޫ ސިޓީގައި ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުންތަކުންވެސް ކުރަން އުޅެ، ނުވެފައިވާކަމެއް ކަމަށެވެ. އެހެންނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ޓަރޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ ހަޤީޤީ މަންޒަރު ދައްކައިދިން ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ، އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި ދެކުނު ރައްޔިތުންނަށް އެ ހޮސްޕިޓަލުން ޚިދުމަތްދޭން ފަށާނެކަމަށެވެ.

“އަޅުގަނޑު އުއްމީދުކުރަނީ ތަވާލާ އެއްގޮތަށް މިކަންކަންގޮސް، މިއަހަރުގެ ތެރޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އައްޑޫ ސިޓީގައި ޤާއިމުވެގެންދާނެކަމަށް. އެނގިވަޑައިގަންނަވާނެ ފަދައިން މިއީ ވަރަށް ގިނަ ސަރުކާރުތަކަކުން ކުރަން އުޅެ، ނުވެފައި އޮތްކަމެއް. އެހެންނަމަވެސް މިއަދު އައްޑޫގެ ރައްޔިތުން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަނެ، ފާހަގަކުރަނީ މި ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން. އަޅުގަނޑަށް ވަރަށް ކަށަވަރުކަމާއެކު ދަންނަވަން ކެރިދާނެ މި ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، އެތަނުގެ ޚިދުމަތް މިއަހަރުގެ ތެރޭގައި، އައްޑޫ ސިޓީއާއި، ދެކުނުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެކަން” ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ޚަރަދުވާއިރު، އެކަމަށް ބޭނުންވާ ފައިސާ ސަޢޫދީ ފަންޑުންނާއި، އޯޕެކް ފަންޑު މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެއެވެ. އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ރާއްޖޭގެ އުތުރުން، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 150 އެނދުގެ ޖާގައިގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާއިން ފަޞޭހަކަމާއެކު މަޔޯކާ ބަލިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އަލުން ފަށާފައިވާއިރު ލަލީގައި މަޔޯކާއަތުން މޮޅުވެ ޕޮއިންޓް ޓޭބަލުން ...

ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ އަންނަ މަހުން ފެށިގެން މަޢާފް

ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 24 ވަނަ ދުވަހު ...

ތަރައްގީއަށް މިސަރުކާރުން އިންގިލާބީ ބަދަލު ގެނެސްފި: ނައިބް ރައީސް

ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ...