ކުޅުދުއްފުށީ މައްސަލަ ހައްލު ކުރުމަށް ނިމްސްއަށް 10 ދުވަހުގެ މުއްދަތެއް ދީފި- މިނިސްޓަރ ނާޒިމް

ހދ.ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްޤީގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އާއި އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ދީފައިވާނޭ ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިއްޙީ ވަޢުދުފުޅު ތެރޭގައި ހިމެނޭ އެއްވަޢުދަކީ އަތޮޅު ތެރޭގައި ޓާޝަރީ ފެންވަރުގެ ސިއްޙީ ހިދުމަތް ދިނުމެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަކީވެސް އެފެންވަރަށް ތަރައްޤީ ކުރުމަށް ޕްލޭން ކުރެވިފައިވާ އެއް ހޮސްޕިޓަލެކެވެ. އެހެންކަމުން އެ މަސައްކަތް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުންވަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ޖުލައިމަސް ތެރޭގައި އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ކުންފުންޏާވަނީ ހަވާލުކޮށްފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ނޫރުލް އިސްލާމް އިންޓަރނޭޝަނަލްއަކީ ދިވެހިރާއްޖޭގެ ލޯކަލް ޕާޓްނަރުގެ 20 އިއްސައްތަ ހިއްސާއާއި ނޫރުލް އިސްލާމް ޓްރަސްޓްގެ 80 އިއްސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

އަދި ދާދި ފަހުން އެކުންފުނީގެ ދެ ހިއްސާދާރުންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ހޮސްޕިޓަލް ހިންގުމަށް ދަތިތަކެއް މެދުވެރިވެފައި ވާތީ އާއި އެކަމުން ހޮސްޕިޓަލަށް ޚިދުމަތް ހޯދަންދާ ފަރާތްތަކަށް ބޮޑެތި އުނދަގޫތައް ކުރިމަތި ވަމުން އަންނާތީ ހެލްތް މިނިސްޓްރީން އެމައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ދެ ހިއްސާދާރުންނާ ބައްދަލުކުރައްވާ އެކަމާ މަޝްވަރާކުރުމަށްފަހު މި މައްސަލަތައް ހައްލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެވިފައި ވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ހޮސްޕިޓަލަށް މައްސަލަ ދިމާވި ހިސާބުން ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވެ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޑޮކްޓަރުންގެ ދަތިކަންވެސް ހައްލުކޮށްދީފައި ވާކަމަށެވެ. އެގޮތުން މިހާރު އެހޮސްޕިޓަލްގައި 8 މެޑިކަލް އޮފިސަރުންނާ 15 ސްޕެޝަލިންޓުންނާއެކު ޖުމްލަ 23 ޑޮކުޓަރުން ހަރަކާތްތެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ހޮސްޕިޓަލްގެ ލެބޯޓްރީގެ ޚިދުމަތްވެސް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެތަނަށް ބޭނުންވާނެ ބައެއް ވަސީލަތްތައް ފޯރުކޮށްދެމުން ދާއިރު، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްއަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުންފުނީގެ ދެ ހިއްސާދާރުންނަށް މިހާރު މުހުލަތެއް ދީފައިވާއިރު، މިނިސްޓަރ ވިދާޅުވީ ޤާނޫނީ ގޮތުން ހެދިފައިވާ އެގްރީމެންޓެއްގައި އެކަން ހައްލުވާންޖެހޭ މަރުހަލާ އާއި އެއްގޮތަށް ކުރިއަށް ދިއުމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް ދަތި ނުވާނޭ ގޮތެއްގެ މަތިން ހުރިހާކަމެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ބޮޑުތިލަދުއްމަތީ ރައްޔިތުންނަށް ދެއްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިސަރުކާރުގެ ސްލޯ ވާހަކަދައްކާއިރު, މިދިޔަ ސަރުކާރު މާބޮޑަށް ސްލޯ: މަބްރޫކް

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ...

ކޮވިޑް 19 – އިތުރު ބޭރުމީހަކާ ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެންމެފަހުން ކޮވިޑް 19 އަށް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 28  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...