ސިއްޙީ ނިޒާމްގެ ތާރީޙްގެ ތެރެއަށް ވަދެގެންދާނެ އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުން – ނާޒިމް

ދިވެހިރާއްޖޭގެ ތާރީޚްގައި ސިއްޙީ ނިޒާމަށް އިންގިލާބީ ބަދަލެއް މިސަރުކާރުން ގެނެސްދީފައިވާއިރު، ސިއްޙީ ނިޒާމްގެ ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ މުޙިއްމު އެއްކަމަކީ އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ އިންޓާންޝިޕް ފެށިގެން ދިއުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ތަފާތު މަރުހަލާތަކުގައި ސިއްޙީ ޚިދުމަތް ތަރައްޤީ ކުރަމުން އަންނައިރު، ސަރުކާރުގެ މައި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތް މިއިން ދުވަހަކުވެސް ތަރައްޤީ ނުވާވަރަށް މިސަރުކާރުން ތަރައްޤީ ކޮށްފައިވާކަމަށެވެ.

1948 ވަނަ އަހަރު ވުޖޫދަށްއައި އައިޖީއެމްއެޗަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތް ރައްޔިތުންނަށް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ހޮސްޕިޓަލް ކަމަށްވާއިރު، ރާއްޖޭގެ ސިއްޙީ ނިޒާމް މިއަދާ ހަމައަށް ހޯދާފައިވާ ކާމިޔާބީތަކުގެ އަސްލަކީ ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ސިއްޙީ ޚިދުމަތްތެރިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚުގައި ސިއްޙީ ނިޒާމަށް މިހާތަނަށް އެންމެ ބޮޑު ބަދަލެއް ގެނައި ސަރުކާރަކަށް މިސަރުކާރު ވެގެންދާނެކަމަށެވެ. އަދި ރާއްޖޭގައި އަލަށް ތަޢާރަފްކުރެވިގެން ދިޔަ ޑޮކްޓަރުންގެ އިންޓާންޝިޕް ޕްރޮގްރާމް އައިޖީއެމްއެޗްގައި ފެށިގެން ދިއުމުން ގިނަ ބަޔަކަށް މިކަމުގެ ފަސޭހަކަން ލިބިގެންދާނެކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމް ބައްޓަންވެފައިވަނީ އެންމެހާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސިއްޙީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރަން ބޭނުންވާނަމަ، މި ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށް ހުރިހާ ރައްޔިތުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ދައުލަތުން މީހުން ތަމްރީނުކޮށް އިމާރާތްތައް ބިނާ ކުރަމުންދާއިރު، މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މަޝްވަރާ ކުރަންވީ، މިހާރު ލިބިފައިވާ ތަކެތި ބޭނުންކޮށްގެން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮންމެ ރައްޔިތަކު ސިއްޙީ ނިޒާމްގައި ހުރި ނުރަނގަޅު ކަންކަން ރަނގަޅު ކުރުމަށް އެދޭފަދައިން، ރާއްޖޭގައި ދުޅަހެޔޮ ވެއްޓެއް ޤާއިމް ކުރުމަށްޓަކައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވޭނީ ނުވަތަ ކޮށްދޭންޖެހޭނީ ކޮންކަމެއްތޯ ވިސްނާލުން މުހިއްމު ކަމަށެވެ.

ރާއްޖޭގެ ސިއްޙީ ޚިދުމަތަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާގައި ގިނަކަންތައްތަކެއް ވަނީ އިފްތިތާޙް ކޮށްފައެވެ. އެގޮތުން ޑޮކްޓަރުންގެ އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ. އަދި މިނިސްޓަރ ވަނީ އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި 2018 ވަނަ އަހަރު އަލަށް ތަޢާރަފްކުރެވޭ 2 ކްލިނިކް ޑިޕާޓްމަންޓާއި ނެޝަނަލް ރިފަރެންސް ލެބޯޓްރީ ފޯ އެންޓި މައިކްރޯބިއަލްސް ރެސިސްޓަންޓް ސަވައިލަންސްގެ ގޮތުގައި އައިޖީއެމްއެޗްގެ ލެބޯޓްރީ ހަމަޖެހުނުކަންވެސް މިރަސްމިއްޔާތުގައި ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޑިޖިޓަލް ފޮޓޯ އަލްބަމެއް އިފްތިތާހު ކުރުމުގެ އިތުރުން ހޮސްޕިޓަލްގެ އިންސްޓަގްރާމް އަދި ސްނެޕްޗެޓް އެކައުންޓުވެސް ވަނީ އިފްތިތާޙްކޮށްފައެވެ.

މީގެއިތުރުންވެސް ސިއްޙީ ޚިދުމަތަށް 70 އަހަރު ފުރުމާ ގުޅިގެން އައިޖީއެމްއެޗްގެ މުވައްޒަފުންގެ އެއް އަހަރުދުވަހުގެ މުސާރައިން ވަކި އަދަދެއް ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާކުރަން ހަމަޖެއްސުމާއި އެމަރުކަޒުގެ ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް މުވައްޒަފުން ޒިޔާރަތްކޮށް އެމަރުކަޒުގައިތިބޭ ފަރާތްތަކާއެކު 1 ގަޑިއިރުގެ ޚިދުމަތް ދިނުމަށް ވެފައިވާ ވައުދުވެސް މިރަސްމިއްޔާތުގައި ވަނީ އިފްތިތާޙު ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ...

ތޫފާނެއްގެ އިންޒާރާއެކު ދިވެހި ސްކައުޓުން ބައިވެރިވާ ޖަމްބަރީގެ ކޭމްޕް ސައިޓް ހުސްކުރަނީ!

ތޫފާނެއްގެ އިންޒާރާއެކު ސައުތުކޮރެއާގައި މިހާރު ކުރިއަށްދާ ދިވެހި ސްކައުޓުން ބައިވެރިވާ ވޯލްޑް ސްކައުޓް ޖަމްބަރީގެ ކޭމްޕް ސައިޓް ހުސްކުރަން ...