މިއަދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް

މިއަދަކީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ” ޓައިމް އިޒް ނައު: ރޫރަލް އެންޑް އާރބަން އެކްޓިވިސްޓްސް ޓްރާންސްފޯމިން ވިމެންސް ލައިވްސް” އެވެ.

ކޮންމެ އަހަރެއްގެވެސް މާރޗްމަހުގެ 8 ވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސި އަދި އިޖްތިމާޢި ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް  ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ތާރީޚަށް ބަލާލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ މީގެ 107 އަހަރުކުރިން 1911 ވަނަ އަހަރުގައެވެ.

އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރަގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ، ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްޤުވާ މަޤާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ.  މީގެ އިތުރުން އަންހެނުންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ” ޓައިމް އިޒް ނައު: ރޫރަލް އެންޑް އާރބަން އެކްޓިވިސްޓްސް ޓްރާންސްފޯމިން ވިމެންސް ލައިވްސް” އެވެ.

މި ޝިޢާރުގެ ދަށުން މިއަހަރު ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު  ދުނިޔޭގައި މީގެ ކުރިން  އަންހެނުންގެ ޙައްޤުތައް ހިމާޔާތްކުރުމަށާއި  ފިރިހެނުންނާއި އަންހެނުންގެ ދެމެދު ކުރެވޭ  ތަފާތުކުރުންތައް ކުޑަކުރުމާއި  އިންސާފު ހޯދުމަށް ދަނީ މީގެ ކުރިން ނުކުރެވޭހާ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އަންހެނުންނަށް ކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާތަކާބެހޭ ދިރާސާތަކާއި ޚަބަރުތައް  މީޑިއާތަކުން ގެނެސްދޭ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ބައިނަލް އަޤުވާމީ ފެންވަރެއްގައި މިކަމަށްދޭ ސަމާލުކަން އިތުރުވެ، ޤައުމީ  އަދި ފަރުދީ ފެންވަރެއްގައި ދަނީ މިންތީގެ ހަމަަހަމަކަން ޤާއިމްކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަންހެނުންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރާއްޖޭގައި އަންހެނުންނަށް ކުރާ ޤަދަރާއި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ކުރާ މަސައްކަތްތަކާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖެއަށް ބަލާއިރު ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުން ތަފާތެއް ނުކުރެއެވެ. މުސާރަ ދިނުމުގައި ޒިންމާ ޙަވާލުކުރުމުގައި އެއްވެސް ތަފާތެއް ނެތެވެ. ސިޔާސީ މައިދާނުގައްޔާއި ސިޔާސަތު ކަނޑައަޅާ ވަޒީފާތަކުގައި އަންހެނުންގެ ޢަދަދު މަދުވި ކަމުގައި ވިޔަސް، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ހެދިފައި ހުރި ގޮތުން، އަންހެނަކަށް ވީތީ ސިޔާސީ މަޤާމުތަކަށް ވާދަކުރުމުގެ ހައްޤުން މަހްރޫމްކުރެވިފައެއް ނޯވެއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންކަމަށް ކުރިމަތިލުމުގައި ވެސް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ކުރިއާ އަޅާ ބަލާއިރު މިފަދަ މަޤާމުތަކަށް އަންހެނުން ކުރިމަތިލާ މިންވަރުވެސް މަދެއްވެސް ނޫނެވެ. ސަރުކާރުންވެސް އަންނަނީ އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަޒީފާގެ މައިދާނުގައިވެސް އަންހެނުންނަށް ހޯދާދީފައިވާ ފުރުޞަތުތައް މަދެއްނޫނެވެ. އެކަނިވެރިމައިނަށް ޚާއްސަ ޢިނާޔަތާ، ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައްވެސް ސަރުކާރުން ވަނީ އަންހެނުންނަށް ފަހިކޮށްދީފައެވެ. އަންހެން ވިޔަފާރިވެރިންނަށް ޚާޢްޞަކޮށް ސަރުކާރުންދަނީ ލޯން ސްކީމްތައްވެސް ހިންގަމުނެވެ. މިސަރުކާރުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުން އަންނަ ކަނބަލުންނަށް ޚާއްސަކޮށް ރެހެންދި އެވޯޑްގެ ނަމުގައި ޚާއްސަ އެވޯޑެއްވެސް 2014ވަނަ އަހަރު ތަޢާރަފްކޮށްފައެވެ.

އަދި ޖެންޑަރ މިނިސްޓްރީއެއް އުފައްދަވާ، ޖެންޑަރ އިކުއަލިޓީ ޤާނޫނެއް ފާސްކޮށް އެދަނީ ތަންފީޒް ކުރަމުންނެވެ. މި ޤާނޫންގެ ސަބަބުންވެސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމުގެ މަސައްކަތުގެ ސްޕީޑް ވަނީ އަވަސްވެފައެވެ. އޭގެ ފައިދާ މިހާރު ދަނީ ފެންނަމުންނެވެ.

ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަންގެ ތަފާސް ހިސާބުތަަކަށް ބަލާލާއިރު، ސިވިލް ސަރވިސް ޚިދުމަތުގައި ފިރިހެނުންނަށްވުރެ ގިނައީ އަންހެނުންނެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އަންހެނުން ކަމަށް ވީއިރު، އަންހެނުން ބާރުވެރި ކުރުވައި، ޤައުމުގެ ކުރިއެރުމުގައި ހުރިހާ ގޮތަކުންވެސް ބައިވެރިކުރުވުން މުހިއްމެވެ. އަދި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ގޮންޖެހުންތައް ނައްތާލުމަށް ހުރިހާ ފެންވަރެއްގައިވެސް މަސައްކަތް ކުރަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީއަށް ވަނީ ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއްކަމަށް ހީކޮށް: ރޮޒޭނާ

ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ އަދި މިހާރު ވެރިކަން ކުރަމުންދާ މައިޕާޓީ އެމްޑީޕީއަށް ވަނީ ވަންނާނެ ޕާޓީއެއް ނެތިގެން ...

ސަނީ ލިއޯން ދެން ކުޅޭނީ ހަނގުރާމައިގެ މަންޒަރުތައް ދައްކައިދޭ ތެލަގޫ ފިލްމެއް

އިންޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސަނީ ލިއޯން މިހާރު ތައްޔާރުވަމުން އަންނަނީ ތެލަގޫ ބަހުން އުފައްދާ ހަނގުރާމަ އާއި ...

ނަހުލާގެ އާ ހުށަހެޅުމެއް އަނެއްކާވެސް އައްޒައަށް

މިމަހުގެ 19 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވާ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ ބަޔަށް ‘4426’ އިން ...