މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް ޢަލީ ޒާހިރު ޙާސިލްކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ޓައިޓަލް ކާމިޔާބުކުރި ފަރާތް އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގްރޭންޑް ފިނާލޭގައެވެ. އަޒަލްއަށް ސީޒަން 3 ގެ އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ.

ކުރީގެ 2 ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަންގެ ގްރޭންޑް ފިނާލޭގައި ފައިނަލިސްޓުންގެ ގޮތުގައި 5 ބައިވެރިއަކު ވާދަކޮށްފައިވާއިރު، ސީޒަން ތިނެއްގެ 2 ވަނަ ހާސިލުކޮށްފައިވަނީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދެވެ. އަދި 3 ވަނަ ލިބުނީ މަރިޔަމް މައިޝާއަށެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަން އަޒަލް ކާމިޔާބުކޮށްފައިވާއިރު، އަޒަލް އަކީ ފާއިތުވި 2 ސީޒަންގައިވެސް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބައިވެރިއެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބީއަކީ ދުރުގާވާ އެއްޗެއް ނޫންކަން އަޒަލް މިވަނީ ސާބިތުކޮށްދީފައެވެ.

އައިޑަލް ސީޒަން 3 ގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ކަނޑައަޅާފައިވަނީ ގާލާ ރައުންޑުގެ އެންމެ ފަހު ޝޯވއާއި ގްރޭންޑް ފިނާލޭގެ ޕަރފޯމަންސް ޝޯވގައި ބައިވެރިންނަށް ޖަޖުންގެ ފަރާތުން ލިބުނު މާކްސްއާއި ބެލުންތެރިންގެ ފަރާތުން ލިބުނު އެސް.އެމް.އެސް އެއްކޮށްލުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބުނު ތަރުތީބުންނެވެ. އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ކާމިޔާބުކުރި އަޒަލްއަށް އިނާމެއްގެގޮތުގައި 2 ލައްކަ 50 ހާސް ރުފިޔާގެ ފައިސާގެ އިނާމް ޕީ.އެސް.އެމުން ވަނީ ހުށައަޅާފައެވެ. އަދި މެލޭޝިއާގެ ލިމްކޮކް ވިންގް ޔުނިވަރސިޓީގެ ކަލްޗަރަލް ފެސްޓިވަލްގައި ޕަރފޯމްކުރުމުގެ ފުރުޞަތުވެސް ދީފައިވެއެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވަނީ ބޮޑެތި ބަދަލުތަކަކާއެކު. އެގޮތުން ޝޯވގެ ޖަޖުންގެ އަދަދު 4 އަކަށް އިތުރުކުރުމުގެ އިތުރުން، ގޯލްޑަން މައިކެއް ވަނީ ތަޢާރަފުކޮށްފައެވެ. ވާދަވެރި ޝޯވތަކަށްފަހު އައިޑަލްގެ ގަދަ 3 އިޢުލާން ކުރަން ބޭއްވި ގާލާ ރައުންޑުގެ އެންމެފަހު ޝޯވވެސް ނިމިގެންދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް، ގަދަ 5 ބައިވެރިންވެސް އައިޑަލްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާގޮތަށެވެ. މިއީ މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ގްރޭންޑް ފިނާލޭގައި 5 ބައިވެރިއަކު ވާދަކުރި ފަހަރެވެ. މި 5 ބައިވެރިންގެ ތެރެއިން ގަދަ 3 އިން ޖާގަ ހޯދާފައިވަނީ 3 އަންހެން ބައިވެރިންނެވެ. މިއީވެސް އައިޑަލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ. ސަބަބަކީ މިއީ އައިޑަލްގެ ގަދަ 3 ގެ ޖާގަ ހުސް އަންހެން ބައިވެރިންތަކެއް ކަށަވަރުކުރި ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ ޝޯވގައި ރާއްޖޭގެ ފުރަތަމަ އައިޑަލް ލައިޝާ ޖުނައިދާއި، ސީޒަން ދޭއް ކާމިޔާބުކުރި މުޙައްމަދު ތަސްނީމްގެ އިތުރުން ރާއްޖޭގެ ބައެއް ނަން މަޝްހޫރު ބޭންޑްތަކާއި އާޓިސްޓުންގެ ހިތްގައިމު ހުށައެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްރިންސް ހެރީއާ މެގަން މާކެލްގެ ކައިވެނީގެ ބްރައިޑްސް މެއިޑަކަށް ޕްރިޔަންކާ!

  ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދާފައިވަާ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ޝާހީ ...

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް : ފަސް ބައިވެރީންވެސް ފައިނަލަށް

މޯލްޑިވިއަން އައިޑަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު 5 ބައިވެރިންނަށް ދީފިއެވެ މޯލްޑިވިއަން އައިޑަލް ސީޒަން ...

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...