• Categories
  • Archives

ވެރިކަމުގެ ދައުރާ މެދު ސާފު ޖަވާބެއް އިބޫ ނުދެއްވި

ވެރިކަމަށް ވަޑައިގަންނަވާނީ ފަސް އަހަރަށްތޯ ނުވަތަ ދެއަހަރާއި ބައިގެ މުއްދަތަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ސާފު ޖަވާބެއް ނުދެއްވިއެވެ. އިއްޔެ އިބޫގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް އެސުވާލު ކުރުމުންވެސް އިބޫ ވަނީ ސާފު ޖަވާބެއް ނުދެއްވާފަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެންމެ ފުރަތަމަ އިއުލާން ކުރިއިރު އޭގައި ބަޔާންވެގެންވަނީ ދެއަހަރާއި ބައިގެ އިންތިޤާލީ ވެރިކަމެއް ގާއިމުކުރާ ވާހަކައެވެ. އަދި އޭގެ ފަހުން އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެއް ބާއްވާނީކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ފަހުން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގެންނަވާ ބައެއް ބޭފުޅުންވަނީ އިބޫ ކުރައްވާނީ ފަސް އަހަރުގެ ވެރިކަމެއްކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.

ނޫސްވެރިން ިއިއްޔެ އިބޫ އާ އެސުވާލު ތަކުރާރުކޮށް ކުރުމުން އިބޫ ވިދާޅުވެފައިވަނީ އެކަން ނިންމާނީ ރައްޔިތުން ކަމުގައެވެ.

” ގުޅިފައިވާ ކޯލިޝަނަކުން އަޅުގަނޑުމި ކުރިމަތިލަނީ. ކޯލިޝަންގެ މެނިފެސްޓޯ ކުރިޔަށް އޮތް ދެދުވަހެއްގެ ތެރޭގައި ހާމަކުރެވިގެންދާނެ. އެނގިވަޑައިގަންނަވާނެ ގާނޫނުގައި ވާގޮތުން ވެރިކަމަށް އިންތިހާބު ކުރެވޭނީ ފަސް އަހަރަށް. އެއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭ ގާނޫނަކުން. ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން. އޭގެ ތަފްސީލުތައް އަޅުގަނޑުމެން އިރާދަކުރެއްވިޔާ ހާމަކުރާނަން. ” އިބޫ ވިދާޅުވިއެވެ.

މިހާރު ޤާނޫނު އަސާސީ އޮތް ގޮތުން ފަސް އަހަރަކަށް ވެރިޔަކު އިންތިޚާބު ކުރާއިރު އިބޫއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަން ކުރާނީ ފަސް އަހަރަށްތޯ ނޫނީ ދައުރުގެ މެދުތެރޭން އިންތިޚާބެއް ގެނައުމަށް މެނިފެސްޓޯގައި ނޫނީ ކޯލިޝަންގެ ތެރޭގައި އެއްބަސް ވުމަކަށް އައިސްފައިވާނެތޯ އެހި ސުވާލަށް ޖަވާބުދެއްވަމުންވެސް އިބޫ ވިދާޅުވީ ދައުރަށް ބަދަލެއް ގެންނަންޏާ އެކަން ކުރާނީ ރައްޔިތުން ކަމުގައެވެ.

” ދައުރަށް ބަދަލެއް ގެންނަންޏާ ، ފަސް އަހަރަށް ބަދަލެއް ގެންނަންޏާ އެކަން ކުރަން މިއޮންނަނީ ޤާނޫނު އަސާސީގައި ރައްޔިތުންގެ ވޯޓަކުން. އެނޫންގޮތަކަށެއް ދައުރެއް ކުރުކޮށް ދިގުކުރެވޭކަށް ނޯވޭ. އެހެންވީމާ އެބަދަލުތައް ގެންނަ ކަމަށް ވަންޏާ ގެންނަންޖެހޭނީ ރައްޔިތުންގެ ވޯޓަކުން. އެކަންތައްތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހާމަ ކުރެވިގެން ދާނެ. ” އިބޫ ވިދާޅުވި އެވެ.

މެނިފެސްޓޯގައި ޤާނޫނު އަސާސީގައި ބަޔާންކުރާ ފަސް އަހަރުގެ ދައުރަށް ބަދަލެއް ގެންނަން ހުށަހަޅާފައިވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ވާހަކަ މެނިފެސްޓޯގައި އޮންނާނެކަމުގައެވެ. ” ވެރިކަމުގެ ނިޒާމު ޚަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ޤާނޫނު އަސާސީއަށް  ގެންނަންޖެހޭނެ ވާހަކަ އަޅުގަނޑުމެންގެ މެނިފެސްޓޯގެ ލެޖިސްލޭޓިވް އެޖެންޑާގައި އޮންނާނެ. އެގޮތުން ވިއްސަށް ވުރެ ގިނަ ޤާނޫނު އިސްލާހު ކުރަން އޮންނާނެ. ” އިބޫ ވިދާޅުވިއެވެ.

ފަސް އަހަރުގެ ދައުރު ކުޑަކޮށް މިޑްޓާމް އިލެކްޝަނެއް ބޭއްވުމަށް އިބޫ އެއްބަސްވެ ވަޑައިގެންނަވާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވީ  “ރައްޔިތުންނެއް ނޫންތޯ އެކަން ނިންމަނީ، އެއީ އަޅުގަނޑަށް ނިންމޭނެ ކަމެއް ނޫން،” ކަމަށެވެ.

ކޯލިޝަނުން މިޑްޓާމް އިލެކްޝަނަކަށް ދިޔުމަށް އެއްބަސްވެއްޖެ ނަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިބޫ އެއްބަސް ވާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އިބޫ ވިދާޅުވީ އެކަން އެންމެ ފުރަތަމަ ފާސްކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމުގައެވެ.

” ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ތިންބައި ކޮށްފައި ހަތަރު ބައިކުޅަ ވޯޓުން ފާސްވެގެން ޤާނޫނު އަސާސީއަށް ބަދަލުމި ގެނެވެނީ. އަދި ގެނެވުނަސް ބައެއް ކަންތައްތައް އެހުރީ ރައްޔިތުންގެ ވޯޓާ ހަމައިން ނިންމަންޖެހޭ. އެހެންވީމާ ރައްޔިތުންގެ ވޯޓާ ހަމައަށް ނުގޮހެއް ތިވިދާޅުވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނެވޭނެ. ” އިބޫ ވިދާޅުވިއެވެ.

ތަކުރާރުކޮށް އިބޫ ވިދާޅުވަމުން ގެންދެވީ ސަރުކާރު ހިންގުން ޚަރުދަނާ ކުރުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމުގައެވެ. ” މިހާރު މިއޮތް ނިޒާމަކީ އެންމެ ފުރިހަމައަށް ވެރިކަން ކުރުމަށް ދަތިތަކެއް ހުރި ނިޒާމެއް. އެއީ އަދި ރިޔާސީ ނިޒާމެއް ވިޔަސް އޭގައި އެބަހުރި ދަތިތަކެއް. އެހެންވީމާ އަޅުގަނޑު މިދެންނެވީ ޤާނޫނު އަސާސީއަށް އެބަޖެހޭ ބަދަލުތަކެއް ގެންނަން. ” އިބޫ ވިދާޅުވިއެވެ.

އިބޫ ސަރުކާރު އެކުލަވާލަނީ ކިހާ މުއްދަތަކަށްކަން ސާފުވާންޖެހޭ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން އަންނަނީ ބުނަމުންނެވެ. އަދި ކުރުމުއްދަތަކަށް ވެރިކަން ހަވާލުކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް ޕީޕީއެމް އިން އަންނަނީ ބުނަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ...

މިއަދަކީ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލަޤްވާމީ ޑައުން ސިންޑްރޯމް ދުވަހަކީ، ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ލިބެން ޖެހޭ ޙައްޤުތަކާއި ...

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

މިދިޔަމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ...

ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބޫއަކަށް އެނގިވަޑައެއް ނުގަންނަވާ: ނިހާން

ރިޔާސީ އިންތިޚާބަށްޓަކައި ވެވަޑައިގަންނަވާ ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބްރާހިމް މުހައްމަދު ސޯލިޙް އަށް އެނގިވަޑައިނުގަންވާ ކަމަށް ވިދާޅުވެއްޖެއެވެ. ޕީޕީއެމް ...

ސްޓެލްކޯ އެމްޑީއަކަށް ހަސްން މުގުނީ އެމްޕީއެލްގެ އެމްޑީއަކަށް ސ. ހުޅުދޫ ޝާހިދު އަލީ ހަމަޖައްސައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ...