1988ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަދުވަހެވެ. ފަތިހުގެހާގޮވާލުމާއެކު ދިވެހިން ކުރިމަތިލީ ހަޔާތުން އައު ދުވަހަކާއެވެ. އެހެންނަމަވެސް އެދުވަސް ވެގެންދިޔައީ ބިރުވެރިކަމުން ފުރިގެންވި ނާމާން ދުވަހަކަށެވެ. “ބަޑި ބުރާސްފަތީގެ” ނަމުން ދިވެހިން ސިފަކުރާ އެދުވަހުގެ ހަނދާންތައް ކޮންމެ ދިވެއްސެއްމެ އާކުރާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ދިވެހީންގެ ބަޔަކު އަޑީގައިތިބެ ބޭރުގެބަޔަކާ ގުޅިގެން ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލާ ތޮޅެން މަސައްކަތް ކޮށް 19 ދިވެއްސަކު ޝަހީދު ކޮށްލާފައިވަނީ އެދުވަހެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 3ވަނަ ދުވަސްް ފާހަގަ ކުރަމުންމިދަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ. ބާޣީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތްވުމުގެ އުފާ ފާހަގަކުރަމުންނެވެ.

މިދުވަސް އެބަތަލުންތަކަކަށްޓަކައި ފާހަގަ ކުރެވެމުންދާ ޝަހީދުންގެ ޒިކުރާ މިފަދަ ދުވަހެއްގައި އާކުރުމީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެކެވެ. ވަކިން ޚާއްސަކޮށް ކުޅުދުއްފުށީގެ ކޮންމެ ދަރިއަކު އޭގެ ތެރެއިން އެއް ބަތަލަކަށްޓަކައި ފަޚުރުވެރިވުން ހައްޤެވެ. އެއްވެސް ބޭފުޅަކު ސުވާލު ނުކުރައްވާނޭ ފަދަައިން އެއީ ކުޅުދުއްފުށީގެ ދަރިއަކަށްވީތީއެވެ. ހދ ކުޅުދުއްފުށީ މާވާގެއަށް އުފަން ޝަހީދު ހުސައިން އާދަމަކީ ދިވެހި ޤައުމަށްޓަކައި އުމުރުން އެންމެ 19 އަހަރުގައި ޝަހީދުވެވަޑައިގެން ޒުވާންބަތަލެވެ. ހިތްވަރުގަދަ ދިވެހި އަބްތާލެވެ. ދިވެހި ކޮންމެ ދަރިއަކަށްވާ އަގުހުރި ނަމޫނާއެވެ. ފަސްޖެހުމެއްނެތި ކުރިއަށްވަޑައިގެންނެވި އާރުކާޓީއެވެ. އިސްލާމްދީނާއި ދިވެހި ވަތަނުގެ ހައްޤުގައި ގުރުބާންވެ ވަޑައިގެންނެވި މުޖާހިދެވެ. ނަފުސު އައްޑަނައަކަށް ހެއްދެވި ފަހުލަވާނެވެ.

 

އެދުވަހު ސިފައިންގެ ގޭޓްކައިރީގައި ފޯރިއަށް ޑިއުޓީގައި ހުންނެވި ހުސައިން އާދަމް ޝަހީދުވެގެން ވެއްޓިވަޑައިގެންނެވީ ބާޣީން ރާވައިގެން އައި ރޭވުން ނާކާމިޔާބުކޮށްލުމަށްފަހުގައެވެ. ކުލީ ސިފައިންގެ ގޮތުގައި އައިސްތިބި ތަމަޅަ ޓައިގަރުންގެ އިސްކޮށްހުރި މީހާ މަރާލާފައެވެ. މިއީ މިފަހުގެ ތާރީޚެއްގައި ޒުވާން ދިވެހި ދަރިއެއް ދިވެހި ޤައުމަށްޓަކައި ވީ އެންމެ ބޮޑު ޤުރުބާނީއެވެ. އެދުވަހުގެ ފަހުން 30 އަހަރު ފާއިތުވެގެންދިޔައިރުވެސް ހުސައިންއާދަމްގެ މަތިވެރި ޖިހާދުގެ ވާހަކައިން އަޅުގަނޑުމެންގެ ލޯތައް ރޮއްވާލައެވެ.

އަޅުގަނޑުމެން މުޅިޤައުމު ހުސައިން އާދަމަށް މިވަނީ ދަރަނިވެރިވެފައެވެ. ޤައުމީ ފެންވަރެއްގައި މިދުވަސް ފާހަގަކުރަމުން ދާއިރު ޝަހީދުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރަންޖެހެއެވެ. އެބަތަލްގެ ހިތްވަރުން ހިތްވަރު ލިބިގަނެ އެހަނދާންތަކުން ހިތްތަކުގައި ޤައުމީ ޖޯޝާއި ފޯރި އިތުރުކުރަންޖެހެއެވެ. ކިޔަވާކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ވަތަނަށް ތެދުވެރި އިޚްލާސްތެރި ލޯތްބެއް އުފައްދަން ޖެހެއެވެ. އެބަތަލުގެ ކިބައިން ނަމޫނާ ލިބިގަނެ އެފަދަ އިތުރު ދަރިންތަކެއް އުފައްދަން ޖެހެއެވެ. އެހެނީ ދިވެހި ޤައުމު އެދި ގޮވަނީ ހުސައިން އާދަމްފަދަ ދަރިންތަކަކަށެވެ. އެދަރިންތަކެއްގެ ސަބަބުން ދިވެހި ޤައުމު އަމާންކަންމަތީ ދެމިގެންދާނެ ބަތަލުންތަކަށެވެ. އެބަތަލުންތަކެއްގެ ހިތްވަރުން މުޅި ޤައުމު ފަޚުރުވެރި ކުރުވާފަދަ ފަހުލަވާނުންތަކަކަށެވެ. އެފަހްލަވާނުންގެ މިންނެތް މަސައްކަތުން އިސްލާމްދީނާއި ދިވެހިންގެ އާދަކާދަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ ވަސީލަތެއްގެ ގޮތުގައެވެ.

ނަސްރުގެ ދުވަހުގެ ޒިކްރާ މިއަދު އަޅުގަނޑުމެން އެންމެން އާކުރަމުންދާއިރު ޤައުމުއޮތްހާލަތަށް ވިސްނާލަންޖެހެއެވެ. ހުސައިން އާދަމްފަދަ ދަރިންތަކަކަށް ދިވެހި މިޤައުމު ބޭނުންވެފައި މިވާ ދަނޑިވަޅުގައި ދިވެހިން މިވަޅުގަނޑުން ނަގަންތިބި ފަރާތްތައްވަނީ ޣަރަގްވަމުންދާ ސިޔާސީ މައިދާނުގައިކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެއްވެސް ހައްޤަކާނުލާ ނަފްސު ތަކުން ލޭ އޮހޮރުވަމުންދާ އިރުވެސް އެކަމެއް ކުއްވެރިކޮށް ބަޔާންނެރުން ފިޔަވާ އިތުރު ހަރުދަނާ ފިޔަވަޅެއް އެޅެމަކުން ނުދެއެވެ. ހަމަމިބީދައިން ޝަހީދުންގެ ޒިކްރާ އާކުރުން ވެސް ވެފައި މިވަނީ ހަމައެކަނި ވަކި ދުވަހަކަށް ޚާއްޞަ ކަމަކަށެވެ. އަޅުގަނޑުމެން ބޭނުންވަނީ މި ވިސްނުން ދޫކޮށްލާ ކޮންމެ ދުވަހަކީ ވެސް މިފަދަ ކަންކަމާ މެދު ވާހަކަ ދައްކާ އެ ބަޠަލުންގެ އަގުހުރި ޚިދްމަތުން ހިތްވަރު ލިބިގަންނަ ދުވަހަކަށް ވުމެވެ. މި ކަމުގައި ކޮންމެ މީހަކީ ވެސް ބޮޑު ޒިންމާ އެއް ކޮނޑުގައި އެޅިފައިވާ މީހެއްކަން ދަތުމެވެ.

ކޮންމެ ޙައްޤަކާއެކު ޒިންމާއެއް ވާފަދައިން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ މިމަސްއޫލިއްޔަތުން ރެކެވޭނެ މީހެއްނޫނެވެ. ކޮންމެ މަންމައެއްގެ ޒިންމާއަކަށް ވާންވާނީ ތިމާގެ ދަރިފުޅަކީ ހުއްބުލްވަތަންގެ ލޯބި އަށަގެންފައިވާ ދަރިއަކަށް ހެދުމަށެވެ. ކޮންމެ އަންބަކު ވާންވާނީ ޤައުމު ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ތިމާގެ ފިރިމީހާ އަކީ ކެރޭ މީހަކަށް ހަދާދޭނެ ނަސޭހަތްތެރިއަކަށެވެ. ކޮންމެ މުދައްރިސަކު ވާންވާނީ ތިމާގެ ދަރިވަރުންނަށް ޤައުމުގެ ގޮވުންތަކާއި ބޭނުންތަކަށް މަގުދައްކަދޭނެ މުރުޝިދުން ތަކަކަށެވެ. ޤައުމުގެ ހުންގާނުގައި ތިއްބަވާ ހަމަ ކޮންމެ ބޭފުޅަކުވެސް ވާންވާނީ ޤައުމަށް ވަފާތެރި ލީޑަރަކަށެވެ. އިޚްލާސްތެރި ވެރިއަކަށެވެ.

ހުސައިން އާދަމްގެ ޖިހާދަކީ މަތިވެރި ޖިހާދެކެވެ. އަގުބޮޑު ޤުރުބާނީ އެކެވެ. އެހެންކަމުން ނަސްރުގެ ދުވަސް ފާހަގަކުރަމުންދާ މިދަނޑިވަޅުގައި އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިއަކީ ޝާއިރު ވިދާޅުވާފަދަ
” އަހަރެންގެ މޭ ޤައުމަށްޓަކައި، އައްޑަނައަކަށް ދިއްކޮށްލުމީ
ފަހުނޭވަޔަށް ދަންދެން މޮޓޯކަމުގައި ޚިޔާރުކުރާނަމޭ..”
ބުނާފަދަ ދަރިއަކަށް ވަމާތޯއެވެ. ބޭނުންވަނީ ހިތްވަރާއި ފަންވަރެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންތަ؟

މިއަދު މުޅި ދިވެހިރާއްޖެ މިދަނީ މި ފަސްގަނޑަށް ފުރިހަމަ މިނިވަން ކަން ލިބުނުތާ 53 އަހަރު ފުރުމުގެ އުފާވެރި ...

އެއްމަހުގެ ކުއްޖަކު ކޮވި ޑަށް ޕޮޒިޓިވް ވެއްޖެ

ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ ފިރިހެން ކުއްޖެކެވެ. މިރޭ ބޭއްވި ...

ނިފެންމާ ލޯންޗް ގޮވި ހާދިސާގެ ވީޑިއޯއިން ފެންނަ އަލިފާނަކީ އެޑިޓް ކުރެވިފައިވާ އެއްޗެއް – މުއާޒް

ކުރީގެ ރައީސުލްޖުމްހޫރީޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ދަތުރުކުރެއްވި ލޯންޗުކޮޅު އެއްޗެއް ގޮއްވާލި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ...