“ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ”

އައްޑޫސިޓީގެ ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ ކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. ޢައިޝަތު ޢަލީ އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އައްޑޫސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މޭޔަރ ވިދާޅުވިގޮތުގައި އައްޑޫގެ ސްކޫލުތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ކުދިންގެ ތެރެއިން ‘އޭ ސްޓާރ’ ހާސިލްކުރާ ދަރިވަރުންގެ ނިސްބަތް މިހާރަށްވުރެ އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށްޓަކައި ސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުން މުހިއްމު ކަމުގައި ދެކޭ ކަމުގައެވެ.

“2009 ވަނަ އަހަރު މިނިސްޓްރީގެ އޮފީހެއް އައްޑޫގައި، ކައުންސިލްގެ އިދާރާގައި ޤާއިމް ކުރެވުނު. އެއޮފީހުގެ މަސައްކަތްތައް ހިންގީ މިނިސްޓްރީ ގެ ޕޮލިސީތަކާ މިނިސްޓަރުގެ ވިސްނުންފުޅާ އެއްގޮތަށް. އޭގެ ސަބަބުން ސްކޫލްތަކާގުޅުންހުރި ކަންކަން ކުރުމުގައި ވަރަށް ލުއި ފަސޭހަވި” މޭޔަރ ވިދާޅުވިއެވެ. “ނަމަވެސް ނިމިގެންދިޔަ ސަރުކާރުގައި އެޑިއުކޭޝަންގެ ކަންކަން ވަރަށް ބޮޑަށް މަރުކަޒީ ކުރެވުނު. ހަފްލާއަކަށް ސްކޫލް ހޯލް ހޯދަން، ނުވަތަ ގޮނޑި ހޯދަން ވިޔަސް މާލެއިން މިނިސްޓަރުގެ ހުއްދަ ހޯދަންޖެހޭ. ކިތަންމެ ކުޑަ ކަމެއްގައިވެސް މާލޭއިން މިނިސްޓަރު ވަކި ގޮތެއް އަންގަންދެން މަޑު ކުރަންޖެހޭ”

މޭޔަރ ވިދާޅުވި ގޮތުގައި ސްކޫލްތަކުގެ ހިންގުން މަރުކަޒީ ކުރެވުމާއި، ސިޔާސީވުމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލުކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުގެ ބައެއް ވެރިންނާއި އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެކަމަނާ މަސައްކަތް ކުރައްވަން ބޭނުންފުޅު ވަނީ ވީހާވެސް ގުޅިގެންކަމަށާއި، ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުން މުހިންމު ކަމުގައި ދެކޭ ކަމެށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ޓްރާންސިޝަން ކޮމިޓީން ހުށަހެޅި ރިޕޯޓުން ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމެށެވެ.

“މަޤާމް ހަވާލުކުރެވުނުއިރު ރައީސުލްޖުމްހޫރިއްޔާ ދެކެމަކަށް އިރުޝާދު ދެއްވެވި. އެއީ އެންމެންނަށް ހަމަހަމަކަމާއެކު އިންސާފުން ކަންކުރެއްވުމަށާއި ކޮރަޕްޝަނާއި ދުރުވެ ހުރުމަށް” އެކަމަނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ މިދަތުރުފުޅަކީ މަޤާމާ ހަވާލުވުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެކަމަނާ ވަނީ އައްޑޫގެ ސްކޫލްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުއްވާފައެވެ.

މަސްދަރު: އައްޑޫސިޓީ ކައުންސިލް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލެ ގަލޮޅު ގެއަކުން ކުނި ...

ގައުމު ސްޓްރީޓް ކަޕް 2020: ޒެފިޔާ ބަލިކޮށް ކްއާޓާފައިނަލްގެ ފުރުސަތު ހަބޭސްއިން ހޯދައިފި

“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު  ކުޅުނު ގްރޫޕް ޑީގެ މެޗް  ފޭދޫ ހަބޭސް ކާމިޔާބުކޮށް ...

ފޮޓޯ: އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި 1 އޮކްޓޯބަރ 2019 ...