ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް އައްޑޫ ސިޓީ ގަމަށް ފަށައިފި

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ފަށައިފިއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ޗާޓަރ ފްލައިޓް ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު މެންދުރު 11:26 ގައެވެ. މި ފްލައިޓުން ދަތުރުކުރި ފަތުރުވެރިންނަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާ އެއް ކިޔާފައެވެ.

ސައުތް އެފްރިކަން އެއާރލައިންސް ގެ ސީދާ ދަތުރުތައް އައްޑޫސިޓީއަށް ރަސްމީކޮށް ފެށުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާއެވެ. އަދި މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ޗަންޕާ ޙުސައިން އަފީފްގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެނޭޖްމަންޓާއި، އައްޑޫސިޓީ މޭޔަރ ޢަބްްދުﷲ ޞޯދިޤް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށާފައިވާއިރު، މިދަތުރު ތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ ތްރީ ފޯޓީ މަރުކާގެ ބޯޓުތަކެކެވެ. ސައުތް އެފްރިކާގެ ޖޮހަނަސްބަރގާއި ގަމާއި ދެމެދު ކޮންމެ ހަފުތާއަކުވެސް 3ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ޞަރަޙައްދުން ކޮންމެ ހަފުތާއަކު 300 ފަތުރުވެރިން އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ. މިދަތުރުތައް ފެށުމާއެކު އައްޑޫ ސިޓީގެ ރިސޯޓްތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދު އިތުރުވެ، އައްޑޫ ސިޓީގެ ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކައްވެސް އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، މިއީ ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއްކަމަށެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓްކުރާ އެއަރލައިންތައް އިތުރުކުރުމުގެ އިތުރުން، ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެއަރޕޯޓެވެ. މި އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާއިރު، 2016 ވަނަ އަހަރުން ފެށިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސްރީލަންކާއާ ދެމެދު، ސްރީލަންކަން އެއާލައިން އިންވެސް ދަނީ ހަފްތާއައަކު މަދުވެގެން 3 ޝެޑިއުލް ދަތުރު ކުރަމުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފި

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފައިވާކަން ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރާ ކްލަބް ...

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ...

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ. އެމްޓީޑީގެ ރައީސް ...