ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ – ރައީސުލްޖުމްހޫރިއްޔާ

Advertisement

ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީބަޔާން އިއްވަވަމުންނެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައްކަމުގައެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ގާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، ސަރުކާރުން މިހާރު ވާނީ، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިކަމުގައެވެ. އަދި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، ވެސް މިހާރު މަޖިލީހަށް ފޮނުއްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުވެސް، ތަހުޒީބީ ޑިމޮކްރެޓިކް މުޖަތަމަޢުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، މަދަނީ އިޖުރާޢާތުގެ ބިލެއް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ ރިޔާސީ ބާޔާނުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެކަމަށެވެ. އަދި މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ “ޒީރޯ ޓޮލަރެންސް”ކަން ރައީސުލްޖުމްހޫރިއްޔާ ޔަޤީންކޮށްއެރުވިއެވެ.

ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަ މަގަށް އަޅުވައިދިނުމުގެ އެންމެ މުހިންމު ބައިވެރިޔަކީ، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަދަނީ ޖަމުޢިއްޔާތަކުގެ ބިލު އެކުލަވާލައި މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރުވެފައިވާކަމުގައެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ޤާނޫނުތައް މުރާޖަޢާކުރެއްވުމުގެ މަސައްކަތްވެސް މިހާރު ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކުރޫޒް ޓާމިނަލެއް އެޅުމަށް ނިންމާފައި ވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ...

ރަށު މީހަކަށްވެގެން ނުވަތަ އާއިލާ މީހަކަށްވެގެންް ވޯޓްދިނީމާ މިކަމެއް ނުވާނެ- ރައީސް ނަޝީދު

ރަށު މީހަކަށް ވެގެން ވަކި އެމީހަކަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ވޯޓް ދޭން ވަނީ ވަރަށް ވިސްނާފަކަމަށް ...

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ...