އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން؟

-ޝުޢާއު-

2020އިން ފެށިގެން ކުރިމަގުގައި ހުޅުމީދޫގައި 12-K އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހުންނާނީ ސ.އަތޮޅު މަދަރުސާ ކަމަށް ނިންމަވައި އެކަން އެންގެވުމަށް އެޑިޔުކޭޝަން މިނިސްޓަރު ސްކޫލުތަކަށް ފޮނުއްވި ސިޓީގައި މިގެނެވޭ ބަދަލުގެ މަޤްޞަދު ހާމަކުރައްވާފައި ވަނީ ” ސްކޫލު ނިޒާމު ރޭވުމާއި ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުންނަށް ސްކޫލު ދައުރުގައި ހިތްހަމަޖެހޭ، އުނގެނުމަށް ފަހި މާހައުލެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް” މިހެންނެވެ. ޢިއްޒަތްތެރި މިނިސްޓަރގެ މި ބަސްފުޅުން ދޭހަވާ ގޮތުން މިގެނެވޭ ބަދަލުގެ އަމާޒަކީ މިހާރު ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީނު ސްކޫލުން ދަރިވަރުންނަށް ހުޅުވިފައި އޮތް އުނގެނުމުގެ ވެށްޓަށް ވުރެ ފަހި އުނގެނުމުގެ މާހައުލެއް އެކުދީންނަށް ތަނަވަސްކޮށްދެއްވުމެވެ. އަދި މި ފިޔަވަޅު އަޅުއްވަނީ މިގެނެވޭ ބަދަލުން އެއަމާޒަށް ވާޞިލުވެވޭނެކަން ދިރާސާތަކުން އެނގޭތީކަން ވެސް ދޭހަވެއެވެ.

މިގެނެވޭ ބަދަލަކީ ޢިއްޒަތްތެރި މިނިސްޓަރ ވިދާޅުވެދެއްވާފައި އެވާ މަގުސަދުގައި ގެނެވޭ  ބަދަލެއް ނަމަ މިކަމަށް މަރުހަބާ ކިޔަން ނުޖެހޭ ސަބަބެއް ނުފެނެއެވެ. މި ބަދަލުން އެ އަމާޒަށް ވާޞިލުވެވޭނެ ކަމަށް ދިރާސާތަކުން ފެންނަނަމަ މި ބަދަލުން އެކަމަނާ އެވިދާޅުވާ ނަތީޖާ ލިބޭނެ ކަމާއި މެދު ޝައްކުކުރާނެ ތަނެއް ވެސް ނެތެވެ.

އިތުރަށް ކުރިޔަށް ދިއުމުގެ ކުރީގައި އިސްވެ މިބަޔާންކުރި ވާހަކައާއި ގުޅިގެން ހިތުގައި އުފެދޭ ސުވާލެއް ދަންނަވާލާނަމެވެ. އެވޭލާ ޒަމާނުގައި ވެރިއަކު އެއްޗެއް ވިދާޅުވުމުން އަމިއްލަ ބުއްދިން ވަޒަންކުރުމެއް އަދި ސުވާލު އުފެއްދުމެއް ނެތި “އާދެ، މަސާހިބު!” އޭ ދަންނަވައި، ގުދުވެ ސެލިއުޓްކޮށް، އެކަމެއް ހިތާއި ދުލުން ބަލައިގަންނަ ފަދައިން އެކާވީސް ވަނަ ސައްތައިގެ އިނގިލި ކުރީގެ ކުޑަ ހަރަކާތަކުން ދުނިޔޭގެ ކޮންމެ ކަންކޮޅަކުން މަޢްލޫމާތު ހޯދޭ މިޒަމާނުގައި ވެސް ލޯމަރާލައިގެން ވަޒީރުގެ ވާހަކަފުޅު ބަލައިގަންނަންވީތޯއެވެ؟ އަޅުގަނޑަށް ފެންނަ ގޮތުގައި އެ ގޮތަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު، ޛިއްމާދާރު ގޮތަށް ނުވާނެއެވެ. ﷲ އިންސާނާއަށް ސިކުނޑި ދެއްވީ ވިސްނައި ފިކުރުކުރުމަށެވެ. ލޯމަރާލައިގެން ކަންކަން ބަލައިގަތުމަކަށް ނޫނެވެ. ހޯދުންތައް ހޯދައި ބުއްދީގެ ކަސޯޓީން ވަޒަންކޮށް، ރަނގަޅު ގޮތް ކަށަވަރުކޮށްގެން ނިންމުންތައް ނިންމުމަށެވެ.  ކުރިމަތިވެދާނެ ނުރައްކަލަކުން، ލިބިދާނެ ލަނޑަކުން ސަލާމަތް ވެވޭނީ އެގޮތަށް ޢަމަލުކުރުމުން ކަމަށްވާތީ ވެސް އެކަން އެގޮތަށް ކުރަންޖެހެއެވެ.

ރަށުގެ ކުރިމަގުގެ ޖީލުތަކުގެ މުޅި ހަޔާތް ބިނާވުމާއި ނުވަތަ ފަނާވުމާއި ގުޅިފައިވާ މި މުހިންމު ނިންމުމާއި މެދު ވިސްނާ ފިކުރުކުރުމަކީ ރަށުގެ ހުރިހާ ރަށްވެހީން ކުރަންޖެހޭ ކަމެކެވެ. ތަހުޤީޤުކޮށް ތަހުލީލުކުރުމަކީ ކޮންމެ ރަށްވެއްސަކު އަދާކުރަންޖެހޭ ފަރުދީ ޒިއްމާއެކެވެ. އަދި ކުރެވޭ ތަޙުޤީޤުތަކާއި ތަހުލީލުތަކުންނާއި، ވިސްނައި، ފިކުރުކުރުމުން މި ނިންމުމުން އެ މަޢްޞޫމު ކުދީންނަށް ދެރައެއް ލިބިދާނެ ކަމަށް ފެންނަ ހާލަތުގައި ހަނު ތިބުމުގެ ބަދަލުގައި އެކަން ހާމަކޮށް އެކުދީން އެދެރައަކުން ރައްކާތެރިކުރަން މަސައްކަތް ކުރުމަކީ މިމުޖްތަމަޢަށް ނިސްބަތްވާ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް އިޖްތިމާޢީ ވާޖިބެކެވެ.

އިސްވެ މިބަޔާންކުރި އިޖްތިމާޢީ ޒިއްމާ އެޅޭ ފަރުދެއްގެ ހައިޘިއްޔަތުން އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުގެ ކިޔަވާ ކުދީންގެ ތަޢްލީމަށް  މިގެނެވޭ ބަދަލަށް އެޑިޔުކޭޝަނިސްޓުން ނުވަތަ ދިވެހިބަހުން މިކިޔާ ތައްލީމީ މާހިރުން ލިއުއްވާފައިވާ ލިއުންތަކުގެ އަލީގައި ވަޒަންކުރުމުގެ ސަރުސަރީ ކަޅިއެއް ހިންގާލަމެވެ. އެ ގޮތުން ފުރަތަމަ މި ބަލައިލަނީ މެތިވް ލިންޗް  ““what-factors-make-a-school-effective” މި ސުރުޚީގެ ދަށުން ލިއުއްވައި 15 ޑިސެމްބަރ 2015ގައި The Advocate.org  ސައިޓުގައި ޝާއިޢުކުރައްވާފައިވާ ލިއުމަކަށެވެ. ފަހަތުގައި މިވަނީ އެ ލިއުމުގެ ދިވެހި ތަރުޖަމާއެވެ.

“ސްކޫލެއް ކާމިޔާބުކޮށްދެނީ ކޮން ބަހާތަކެއް؟

ސްކޫލުގެ ތަފާތު މޮޑެލްތައް ހުރި ނަމަވެސް އަސާސީ ސުވާލެއް އޮވެއެވެ – ސްކޫލް މޮޑެލްއެއް ކާމިޔާބުކަން ނުވަތަ ނޫންކަން އަހަރެމެންނަށް އެނގޭނީ ކިހިނެއް، އަދި ކާމިޔާބުކަން ކަނޑައަޅާނީ ކިހިނެއް؟ ކާމިޔާބު ސްކޫލުތަކުގެ ސިފަތަކަށް ފޯކަސްކޮށް އެތަކެއް ދިރާސާއެއް ކުރެވިފައިވެއެވެ. އެހެންނަމަވެސް ކާމިޔާބު ސްކޫލުތައް ސިފަކުރުމުގައި ވިސްނަންޖެހެނީ ކޮން ސިފަތަކަކަށް ކަމާއި މެދު ކުރެވޭ ބަހުސު އަދިވެސް އެބައޮތެވެ.

ބައެއް ދިރާސާވެރިން ދެކޭ ގޮތުން ކާމިޔާބު ސްކޫލެއްގެ އަސާސީ މިންގަޑަކަށް ވާންވާނީ ދަރިވަރުންގެ ނަތީޖާ އެވެ. ހެޔޮކޮށް ވެސް އެއީ ރަނގަޅު ގޮތް ކަމަށް ވިސްނެއެވެ. އެހެނީ ސްކޫލުތަކުގެ ހަމައެކަނި މަގުސަދަކީ އެތަންތާގެ ދަރިވަރުންނަށް އުނގަންނައިދިނުމެވެ. ކާމިޔާބު ސްކޫލު ކަނޑައެޅުމުގައި ޝަޚްޞީ ތަރައްޤީ ފަދަ ދަރިވަރުންގެ އިޖްތިމާޢީ ސިފަތައް ހިމެނެންޖެހޭ ކަމަށް އެހެން ދިރާސާވެރިން ހުށަހަޅައެވެ. ސްކޫލުގެ ކާމިޔާބީއާއި ގުޅޭ ދިރާސާއާއި ގުޅިފައިވާ އަނެއް މައްސަލައަކީ ހޯދިފައިވާ ހޯދުންތަކަކީ މައިގަނޑު ގޮތެއްގައި އިބްތިދާއީ ސްކޫލުތަކުގެ ނުވަތަ ސަހަރުގެ އެތެރޭގައި ހުންނަ ނާދިރު ސްކޫލު ވެށިތަކުގެ މައްޗަށް ބިނާކޮށް ކުރެވިފައިވާ ދިރާސާތަކުން ފެނުނު ކަންތަކަށް ވުމެވެ. އެހެންކަމުން މިހޯދުންތައް ހުރިހާ ސްކޫލުތަކަށް ޢާންމުނުކުރެވޭނެކަމަށް ލަފާދެވިފައިވެއެވެ.

ތެދުތެދަށް ބުނާ ނަމަ ބުނެވޭނީ، ކޭ – 12  ސްކޫލުތަކުގެ ކާމިޔާބުކަން ޞައްހަގޮތުގައި ކަނޑައެޅޭނެ އެއް ބަހާއެއް ނެތެވެ. އޭގެ ބަދަލުގައި އެއީ އެތައް ސިފަތަކެއް އެކުލެވޭ އަދި ކޮންމެ ޖީލެއްގެ ދަރިވަރުންނާ އެކު ބަދަލުވަމުންދާ ކަމެކެވެ. އިސްވެ ޚިޔާލުދެވުނު ފަދައިން، އުނގަންނައިދެވޭ ވެށި ވަކި ސްކޫލުތަކެއްގައި ކާމިޔާބީއަށް ހިއްސާކުރާ ބަހާތަކަށް އަސަރުފޯރުވައެވެ. ހަމަ އެޔާއެކު އުނގައިންނައިދޭ ހުރިހާ ވެށްޓެއްގައި ކާމިޔާބީއަށް ހިއްޞާކުރާ ސިފަތަކާއި ބަހާތަކެއް ވެސް ހުރެއެވެ. ކާމިޔާބީގެ ސިފަތަކުގެ އެތަކެއް ބައެއް އެނގުމުން ވަކި ސްކޫލެއްގައި ހުރީ ކޮން ސިފަތަކެއް ކަމާއި، ސްކޫލުގެ ވަކި ވެށްޓެއްގައި ބޭނުންކޮށްފިނަމަ ކާމިޔާބީއަށް މަގުފަހިކޮށްދީފާނެ ކަންތަކެއް އަޅުގަނޑުމެންނަށް ފެނިދާނެއެވެ.

ދަރިވަރުންގެ ކާމިޔާބީގެ އެހެން ބަހާތައް:

2008ގެ ދިރާސާއެއް ސްކޫލު ކާމިޔާބުކޮށްދޭ ޢާންމު ފަސް ސިފައެއް ބުނެދެއެވެ؛ މި ސިފަތަކާއި އޭގެ ފަހަތުގައިވާ ނަޒަރިއްޔާ އަށް ފަސް ބަހާ ނަޒަރިއްޔާއޭ ކިޔެއެވެ.

  • ފުރަތަމަ ބަހާއަކީ ފެންވަރު ރަގަޅު ލީޑަރޝިޕް އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ނާޒިރު ވަރަގަދަ ލީޑަރޝިޕެއް ފޯރުކޮށްދޭނަމަ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދައެވެ.
  • ދެވަނަ ބަހާ އަކީ ދަރިވަރުންނާއި އަދި މުދައްރިސުންނާއި މެދު މަތީ އުންމީދުތަކެއް ހުރުމެވެ.
  • ތިންވަނަ ބަހާއަކީ ދަރިވަރުންގެ ނަތީޖާއާއި ތަރައްޤީ ބަލައި ވަޒަންކުރަމުން ދިއުމެވެ. ސްކޫލުތަކުން އެތަންތާގެ ދަރިވަރުން އަޅާބެލުމަށާއި ޤައުމުގައި ހުންނަ އެހެން ސްކޫލުތަކާއި އަޅާ ބެލުމަށް ވަޒަންކުރުމުގެ ޑޭޓާ ބޭނުންކުރެއެވެ.
  • ކާމިޔާބު ސްކޫލުގެ ހަތަރުވަނަ ބަހާއަކީ ލަނޑުދަނޑިއާއި މިސްރާބު އޮތުމެވެ.
  • ކާމިޔާބު ސްކޫލުގެ ފަސްވަނަ އަދި އެންމެ ފަހުގެ ބަހާއަކީ ސްކޫލު އިންތިޒާމުކުރެވިފައިވާ އަދި ރައްކާތެރިކަންހުރި މިންވަރެވެ.
  • ( ނުނިމޭ )

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި އަތޮޅުމަދަރުސާގެ ޓީމް ބަލިވެއްޖެ

ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތެއްގެ ބޭނުން ނުހިފި ދިއުމުގެ ސަބަބުން ސ. އަތޮޅުމަދަރުސާގެ 16  އަހަރުން ދަށުގެޓީމް ...

ކުޅުދުއްފުށީ ސްކޫލްތަކުން ތާރީހީ ނަތީޖާއެއް، ގަދަ ދިހައެއްގައި 33 ދަރިވަރުން

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ހިމެނިއްޖެ ...

މަރަދޫ ސްކޫލް ޕްރީ ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން ބެލެނިވެރިން އިހްތިޖާޖުކޮށްފި

އައްޑޫސިޓީގެ މަރަދޫ ސްކޫލް، ޕްރީ ސްކޫލަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމުމުން ބެލެނިވެރިން އެކަމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފިއެވެ. ...