އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ،

އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން މިއަދު ވަޒީރުންގެ މަޖުލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަވަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، ”ގޭބިސީ“ (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

މީގެ އިތުރުން މިހާރުގެ ޙާލަތަށް ބައްލަވައި ”އިންކަމް ތްރެޝްހޯލްޑް“ ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން މި ކަރުދާސް ހުށަހަޅުއްވާފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމައިން އަދި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާގޮތުން އެހީ ޙައްޤުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުންދާތީ އެކަން އިޞްލާހުކޮށް މުރާޖަޢާކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅެއް ހޯއްދެވުމުގެ ގޮތުންނެވެ. 2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތައް މި އެހީން ވަނީ މަޙްރޫމްވެފައެވެ. އެހެންކަމުން މި ގެނެވޭ އިސްލާޙްތަކާއެކު މިހާރު އެހީ ޙައްޤުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްއިން ”ގާލްސް އިން އައިސީޓީ” ދުވަހާ ގުޅިގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި މި ...

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފި

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފިއެވެ. ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ” މަގޭ ...

“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މީދޫގައިވެސް ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް  ދަށުން މިއަދު މީދޫގައިވެސް ...