މީދޫ ޒުވާނުން އިންތިޒާމްކޮށްގެން މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ޔޫތުޗެލެންޖް 2020” ފުޓްބޯޅަ މުބާރާތުގެ ގެ ޗެމްޕިއަންކަން އެތުލެޓިކް އެފްސީ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅެވުނު މިމުބާރާތުގެ ފައިނަލް މެޗުގައި އަމީގޯސް އާއި ބައްދަލުކޮށް އެތުލެޓިކް މެޗު ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުން އަމީގޯސްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްމެޗުގައި އެތުލެޓިކުން ކާމިޔާބުކުރި ލަނޑު މެޗް ފަށައިގެން 3 ވަނަ މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޠޯރިގެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ އެތުލެޓިކް ކުރި ހޯދައިގެންނެވެ.
ފަހުހާފް ފެށިގެން އަމީގޯސް ޓީމުގެ ފަރާތުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ އަމީގޯސްގެ ހުސެން ރަޝީދު ފޮނުވާލި ބޯޅައެއް އެތުލެޓިކްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އެޓީމުގެ އައްސަދުއަތުގައި ބޯޅަ ޖެހިގެން ރެފްރީ މަސީހު އަމީގޯސްއަށް ޕެނަލްޓީއެއް ދިނުމެވެ. އެޓީމަށް ލިބުނު މިޕެނަލްޓީގައި ހުސެން ރަޝީދު ފޮނުވާލި ބޯޅަ އެތުލެޓިކުގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.
އޭގެ ފަހުންވެސް ދެޓީމުގެ ކުޅުންތެރީންނަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިދިޔަތަން ފެނިގެންދިޔައެވެ. ޚާއްސަކޮށް އަމީގޯސްގެ ހުސެން ރަޝީދަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.
މިމެޗްގެ ފަހުހާފްގެ ކުޅުން ނިމިގެން ދިޔައީވެސް މިމުބާރާތުގެ ގްރޫޕް މެޗްތަކުގައި 12 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އަމީގޯސްއަތުން ބަލިވެފައިވާ އެތުލެޓިކް އެފްސީން 1 ލަނޑު 0 ލަނޑުން މޮޅުވެ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށް ސެޓްފިކެޓާއި ޓްރޮފީ އަދި މެޑަލް ޙަވާލުކުރުން ކުރިއަށްގެންގޮސްފައި ވެއެވެ.
މުބާރާތްގެ އެންމެ މޮޅު 7 ކުޅުންތެރިން:
- މުގާ- އަމީގޯސް
- ސަހާފް- އެތުލެޓިކް އެފްސީ
- ފައިސަމް – އެތުލެޓިކް އެފްސީ
- ރަޔަން- އަމީގޯސް
- ހުސެން ރަޝީދު – އަމީގޯސް
- ގުސައްޔު – އަމީގޯސް
- އިންތި – އެފްސީ ބަސްޕާކް
އެންމެ ގިނަގޯލްޖެހި ކުޅުންތެރިޔާ: ރަޔަން- އަމީގޯސް
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ: ފައިސަމް – އެތުލެޓިކް އެފްސީ
އެންމެ މޮޅު ސަޕޯޓަރު: ސަމީރާ
ވަރަށް ގިނަފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންޓީމަށް އަދި ރަނައަޕްޓީމަށް ފައިސާގެ އިނާމެއް ދީފައިނުވިކަމުގައިވިޔަސް ޗެމްޕިއަންޓީމަށާ ރަނައަޕްޓީމަށް ޓްރޮފީއާއި މެޑަލް އަދި ސެޓްފިކެޓް ދީފައިވެއެވެ. އަދި އަންނަ އަހަރުވެސް ޔޫތުޗެލެންޖް ކަޕް ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިއުލާން ކުރެވުނެވެ.
ޚަބަރުގައި ހިމެނިފައިވާ ފޮޓޯތައް: ލުބުނާ މަޖީދު މުޚްތާރު
ކޮމެންޓްސް (0)