ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި އައްޑުއަތޮޅު މީދޫގެ ޝުއޫރު
މިލިއުމަކީ 2002 ވަނަ އަހަރުގެ ޖުލައިމަހު ނިކުތް ފުރަދާނަ މައްޖާލައި ޝާއިއުކޮށްފައިވާ ލިއުމެއް
ދުންފަތުގެ ނުރައްކަލުން އައްޑުއަތޮޅުގެ މީދޫގެ މާހައުލު ސަލާމަތްކޮށް އޭގެ ވަބާއިން ރަށުގެ ރަށްޔިތުން މިންޖުކުރުމުގެ މަގްސަދުގައި މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިން 31 މެއި 2000 ން ފެށިގެން ކުރިއަށްގެންދާ ކެމްޕެއިނަކީ ދުންފަތުގެ ނުރައްކަލާއިމެދު ރާއްޖޭގެ ރަށްޔިތުން ހޭލުންތެރިކުރުމަށްގެންދާ މަސައްކަތުން ހިތްވަރު ލިބިގެން އެމަސައްކަތަށް ވާގިވެރިވެ ދިނުމުގެ މަގްސަދުގައި ކުރަމުންދާ ކެމްޕެއިނެކެވެ. މިކެމްޕޭންގެ މުއްދަތަށްބަލާއިރު ލިބުނު ކާމިޔާބީއާއި ލިބުނު ކުރިއެރުން ކިތަންމެހާވެސް ބޮޑެވެ. މީދޫގެ އާބާދީގައިހިމެނޭ 1170 އަންހެނުން މިހާރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިންހުއްޓާލާފައެވެ . އަދި ގިނައަދަދަކަށް ސިގިރެޓްބޮއިއުޅުނު 27 ފިރިހެނުންވެސް ސިގިރެޓާ އަބަދަށްޓަކައި އަލްވަދާއުކިޔާފައިވެއެވެ. އަދި މީދޫގެ 167 ފިރިހެނުން ދުންފަތުގެ އިސްތިއުމާލުކުރުން މުޅީން ހުއްޓާލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުއޮފީހާއި ގުޅިގެން އުފައްދަވާފައިވާ އެންޓި ސްމޯކިންގ ކެމްޕެއިން ޔުނިޓްގެ ފަރާތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރަމުންދާ މިމަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ވިހިވިހީގެ ކުރިމަގަށް އުދަވަމުންދާ ރަންދޯދިތަކުގެ ތެރެއިން ފާޅުވެ ހިނިތުންވެލާނެ ދުވަހަކަށް އަޅުގަޑުމެން އައްޑުއަތޮޅުގެ މީދޫގެ ހުރިހާ އަންހެނުންވެސް މިހާރުދަނީ އިންތިޒާރުކުރަމުންނެވެ. ﷲ ސުބުހާނަހޫ ވަތައާލާ އެދުވަސް އަޅުގަޑުމެންނަށް ދައްކަވާށިއެވެ. އާމީން . ( ސައިދާ ހަސަން / ރކ ކޮމިޓީގެ ރައިސާ )















