ފުލުހުންގެ ޚިދުމަތުގައި ބައިސްކަލް ބޭނުންކުރަން ފެށުން ރަސްމީ ގޮތުން އިފްތިތާޙްކޮށްފ
ފުލުހުންގެ ޚިދުމަތުގައި ބައިސްކަލް ބޭނުންކުރަން ފެށުން ރަސްމީ ގޮތުން އިއްޔެ އިފްތިތާޙްކޮށްފިއެވެ. އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ އާއި ނާއިބް ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުއާއި ހޯމް މިނިސްޓަރާއި ސަރުކާރުގެ އެހެނިހެން ބައެއް ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންގެ އެހެނިހެން އިސް ބައެއް އޮފިސަރުން ބައިސްކަލްގައި ޖުމްހޫރީ މައިދާން ކައިރިން ވަކި ހިސާބަކަށް ވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙް ދެއްކެވި ވާޙަކަފުޅުގައި ވިދާޅުވީ ފުލުހުންގެ ތެރެއަށް ބައިސްކަލް ތަޢާރަފުކުރެއްވުމުގެ އޮތީ މައިގަނޑު ދެމަޤުސަދެއް ކަމަށާއި، އޭގެ އެއް ބޭނުމަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުން ކަމަށާއި އަނެއް ސަބަބަކީ ޖަޒީރާ ޤައުމުތަކުގައި، ޕެޓްރޯލްކުރުމަށް އެންމެ ރަނގަޅު ވަސީލަތްތަކަކީ ފައިމަގުގައާއި ބައިސްގައި ކަމަށް ދުނިޔޭގެ ތަޖުރިބާކާރުން ދެކެލައްވާތީ ކަމުގައެވެ.
ފުލުހުންގެ ތެރެއަށް ބައިސްކަލް ތަޢާރަފުކުރުމާ ގުޅިގެން، އިއްޔެއިން ފެށިގެން މާލެއާއި އަތޮޅުތަކުގައިވެސް ޕެޓްރޯލްކުރުމުގައި 500 އަށް ވުރެ ގިނަ ބައިސްކަލް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިބައިސްކަލްތައް ބޭނުންކުރިނަމަވެސް މިހާރުވެސް ބޭނުންކުރަމުން ގެންދާ އެހެނިހެން ވެހިކަލްތައްވެސް ވަގުތާއި ހާލަތާއި ގުޅޭ ގޮތުން ބޭނުންކުރަމުންގެންދާނެއެވެ.















