އަޅުގަޑުމެންގެ ވެރީން މިބުނަނީ އޮރިޔާމުން އުޅޭށޭ ނޫންހެއްޔެވެ؟ އެކަމަކު ؟
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. “مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ” (الفتح:29). މާނައަކީ: “މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނާއި އެކުގައިވާ މީހުންނަކީ (އެބަހީ: ޞަޙާބީން އަދި މުއުމިނުތަކުންނަކީ)، އެމީހުންގެ މެދުގައި އޯގާތެރި ރަޙްމަތްތެރި އަދި ކާފަރުންގެ މައްޗަށް ހަރުކަށި ބައެކެވެ.”
އިސްލާމްދީނުގެ ރިވެތި އަދަބުތައް ފެތުރި، ދީނުގައި އަންގަވާފައިވާ ގޮތަށް މުސްލިމުން ޢަމަލުކޮށް، ގާތް އެކުވެރި ބައެއް ކަމުގައިވެ ކާފަރުންގެ މައްޗަށް ހަރުކަށި ބައެއްކަމުގައިވުމީ ކާފަރުންނާއި މުނާފިޤުން ހަމަ އެއްގޮތަކަށްވެސް ރުހޭނެ ކަމެއްނޫނެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
“يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ” (الصف:8)
މާނައަކީ: “އެބައިމީހުން الله تعالىގެ ނޫރު (އެބަހީ: އިސްލާމްދީން)، އެބައިމީހުންގެ އަނގައިން ފުމެ ނިއްވާލަން ބޭނުންވެއެވެ. އެހެނެއްކަމަކު، ކާފަރުން ކިތަންމެ ނުރުހުންވި ކަމުގައި ވިޔަސް الله تعالى އެއިލާހުގެ ނޫރު ފުރިހަމަ ކުރައްވަވާ ހުއްޓެވެ.” (ސޫރަތުއް ޞައްފު:8).
ދިވެހި ލޮބުވެތި މުސްލިމުންނޭވެ. ދަންނާށެވެ. މިލޮބުވެތި ފަސްގަނޑުން އިސްލާމްދީނުގެ ވަސް ފޮހެލައި، މައުމޫނުގެ އަމިއްލަ ދީނެއް ފެތުރުމަށްޓަކައި ކުރަމުން މިދާ މަސައްކަތަކީ އިއްޔެގެ މިއަދުގެ ކަމެއް ނޫނެވެ. އެއީ މީގެ އެތައް އަހަރެއްސުރެ ކުރިން ކުރަމުން އަންނަކަމެކެވެ. މީގެ ހެއްކަކަށް މާގިނަ ދަލީލު ތަކެއް ބޭނުމެއް ނުވެއެވެ. ވިސްނާލައިފި މީހަކަށް ބަލާލި ކޮންމެ ދިމާލަކުންވެސް މިކަން މިއޮތީ ފެންނާށެވެ. ތިޔަބޭފުޅުން ވިސްނަވާ ބައްލަވާށެވެ. ދީނުގައި ނެތްވަރުގެ ބޮޑު ޢިލްމުވެރިޔަކަށް ވެގެން ހުރެ، ޤުރުއާނުގައި ސާފު ޢިބާރާތުން ބަޔާންވެފައި ވަނިކޮށްވެސް މިއޮތް ހުރިހާ ދުވަހަކު ބުނަމުން އައީ ބުރުޤާ އެޅުމަކީ ލާޒިމު ކަމެއް ނޫން ކަމުގައެވެ. އަދި ނުވިތާކަށް ދީނީ ޢިލްމުވެރިންނަށް އެވާހަކަ ދެއްކުން މަނާކޮށް އެވާހަކަ ދައްކައިފި މީހަކަށް ޖަލުގެ ތޭރިތަކުގެ ތެރެއިން ދިޔައީ ބޮޑެތި އަދަބުދީ ހަދަމުންނެވެ. ޤުނޫތު މައްސަލައާއި ހުކުރު ނަމާދުގެ ޖަމާޢަތަކީ 40 މީހުން ކަމުގައި ހެދި މައްސަލަވެސް ދިޔައީ ހަމަ މިހެންނެވެ. އެކަމުގައި އެތައް ބަޔަކު ޖަލަށްލައި ނުޙައްޤުން ނުލާހިކު ބޮޑެތި އަދަބުދީ ހަދާފައިވެއެވެ.
މިހާރު މަސައްކަތް ފަށައިގެން މިއުޅެނީ އިސްލާމްދީނުގައި އަންގަވާފައިވާ އެންމެ ފުރިހަމަ ގޮތަށް ޢައުރަ ނިވާކޮށް ޙިޖާބު އަޅައިގެން އުޅޭ އުޅުން މަނާ ކުރުމަށެވެ. އާދެ މޫނު ބުރުޤާ އެޅުން މަނާ ކުރުމަށެވެ. ދީނުގައި ކަނޑައެޅިގެން ސާފުކޮށް މިމައްސަލަ ފެންނަންވެސް އޮއްވައެވެ. ފަހެ ވެރީންގެ ބޭނުމަކީ މުޖުތަމަޢުތެރޭގައި ހިނގާ ދީނާ ޚިލާފް ކަންތައް ނައްތާލައި އެއާއި އިދިކޮޅަށް ފިޔަވަޅު އެޅުން ނޫންހެއްޔެވެ؟ ފިޔަވަޅު އަޅާ މަނާ ކުރަންވީ ޢައުރަ ނިވާ ނުކޮށް އޮރިޔާމުން މަގުމައްޗަށް ނިކުމެ އުޅޭ މީހުން ނޫންތޯއެވެ. އަމިއްލަ ގޭގައި ވިޔަސް ނަމާދު ކުރާ މީހަކު ހިފާ ހައްޔަރު ކުރުމަށްވުރެ އެއްގޮތަކަށްވެސް ނަމާދަކަށް ނާރާ ބަޔަކު ހިފާ ހައްޔަރު ކުރުން އައުލާވެގެން ނުވޭހެއްޔެވެ؟ މީގެން ދޭހަވަނީ ތިޔަބައިމީހުން އޮރިޔާމުން އުޅޭށޭ ބުނާހެންނެވެ. އަދި ނަމާދެއްވެސް ކުރާނެ ކަމެއް ނެތޭ ބުނާހެންނެވެ. ސުބްޙާނަﷲ އެވެ. ޝައިޠާނާ މިވަނީ ޙައްޤު ހަމަ ދިމާ އިދިކޮޅަށް ބަދަލު ކޮށްލާފައި ނޫންހެއްޔެވެ! ޞަޙީޙް ބުޚާރީގައާއި އަދި އެނޫންވެސް އެހެން މަޝްހޫރު ޞައްޙަ ޙަދީޘްތަކުގައި، ފަހު ޒަމާނުގެ ޢަލާމާތްތައް ބަޔާން ކުރައްވާ، ދައްޖާލު ފައުޅުވާނޭ ވާހަކަ ވެއެވެ. އަދި އޭނާ މީސްތަކުންގެ ލޯމައްޗަށް ޙައްޤާއި ބާޠިލް އޮޅުވާލާނެ ކަމަށްވެއެވެ. އަދި މިފަދަ ތިރީހަކަށް ކުދި ދައްޖާލު އުޅޭނެކަމަށްވެސް ވާރިދުވެފައިވެއެވެ. އެހެންކަމުން އަވަހަށް ﷲ އަށް ބިރުވެތިވެ ޤުރުއާނާއި ސުންނަތައް ތަބާވެގެން އެއިލާހުގެ ރައްކާތެރިކަން ހޯދާށެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މައުމޫނު އެވަނީ ދީންވެސް އޮޅުވާލައި ހަވާލު ކުރެވުނު ވެރިކަމަށްވެސް ޚިޔާނަތްތެރި ވެފައެވެ. ވަގުތު ފާއިތުވުމުގެ ކުރިން ﷲ ތަޢާލާގެ ދީނަށް ފުރިހަމައަށް ރުޖޫޢަވާށެވެ. ޤިޔާމަތް ދުވަހުން، އެވެރީންތައް ތިމަންނަމެން މަގު ފުރެއްދީއޭ ބުނެ ފަރުޖައްސާލެވޭކަށް ނޯންނާނެއެވެ. ﷲ ތަޢާލާ އަޙްޒާބު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ.
“يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولا” (الأحزاب:66)
“އެއުރެންގެ މޫނުތައް ނަރަކައިގެ އަލިފާނުގައި އެފުށް މިފުށަށް ޖެހޭ ދުވަހު ބުނާނެތެވެ. ﷲ އާއި ރަސޫލާއަށް ކިޔަމަންތެރިވެ ތަބައު ވެވުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ”
“وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلا” (الأحزاب:67)
“އަދި ބުނާނެތެވެ. އަޅަމެންގެ ވެރި ރައްބޭއެވެ. ހަމަކަށަވަރުން އަހަރެމެން ތަބާވީ، އަހަރެމެންގެ ވެރިންނަށް ތިބި މީހުންނާއި ބޮޑަށް ތިބި މީހުންނަށެވެ. ފަހެ އެބައިމީހުން އަހަރެމެން މަގުފުރެއްދީއެވެ.”
“رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْناً كَبِيراً” (الأحزاب:68)
“އަޅަމެންގެ ވެރި ރައްބޭއެވެ. ޢަޒާބުގެ ތެރެއިން ދެގުނަ އެބައިމީހުންނަށް ދެއްވާންދޭވެ. އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން އެބައިމީހުންނަށް ލަޢުނަތް ލައްވާންދޭވެ.”
މިލިއުމަކީ ދީނީނިވްސް ވެބްސައިޓްގައި “އަބޫ އަމަތުﷲ” ލިއުއްވާފައިވާ ލިއުވުމެއް.















