ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލާކަށް ނޫޅޭ : ފިނޭންސް

ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފިނޭންސުން މިކަން ހާމަކޮށްފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކް އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފިނޭންސުން ރޭ ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިން އިންސްޓްރުމަންޓެއް ކަމަށެވެ.

އެގޮތުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށާއި މީގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރފޯސް ވެހިކަލް (އެސްވީޕީ، 100 އިންސައްތަ ދައުލަތް ހިއްސާވާ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްވީޕީގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް (ފިނޭންސް މިނިސްޓްރީ) އަށް ލީސްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

“މި ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއް ވެސް ނުކުރެވޭނެ” ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ 2017 ވަނަ އަހަރު ވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އޭރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު އިޝޫ ކުރެވޭ ގޮތް ނުވީ ކަމަށެވެ.

ދައުލަތުން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމަށް ބޭނުންވާ އެކަށީގެންވާ އަގެއްގައި އަދި ދައުލަތުގެ ދަަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭގެ މަގުފަހި ކުރުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ފިނޭންސުން ބުންޏެވެ.

އެގޮތުން މިހާރު ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓްރުމަންޓްތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުން ވެސް ހާއްސަ އިސްކަމެއް ދީގެން އިޝޫ ކުރަމުން އަންނަ ޑެޓް އިންސްޓްރުމަންޓެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް ފިނޭންސުން އިލްތިމާސްކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޕޮލިސް އެކެޑަމީއަށް އެއް އަހަރުފުރުން ފާހަގަކޮށްފި

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސިޕޯލް) އަށް އެއް އަހަރު ...

ފަލަސްތީނަށް އެހީވުން- އައްޑޫ ޒުވާނަކު ކުޑަ ކަންނެލި އެއް 12،000 ރުފިޔާއަށް ގަނެފި  

އައްޑޫ ސިޓީ ފޭދޫގައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން  ކުރިއަށް ގެންދިޔަ މަސްބޭނުމުގެ ހަރަކާތުގައި ބޭނި  ކުޑަ ކަންނެލިއެއް ...

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީގައި ޒަމާނީ ފެންވަރުގެ ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ...