އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ

ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ސައުތު އެފްރިކަން އެއަރވޭސްއިން ކުރާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާގެ ޖޮހޭނަސްބަރގް އިން ސީދާ އައްޑޫ ސިޓީ ގަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުން އަންނައިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގިނަ ޤައުމުތަކާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައުތު އެފްރިކާއާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަން ސަރުކާރުން މިވަނީ ހާމަކޮށްފައެވެ.

މިކަމާގުޅޭ މަޢުލޫމާތު ދެއްވުމަށް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިދަތުރު ތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ ތްރީ ފޯޓީ މަރުކާގެ ބޯޓުތަކެއް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި ކޮންމެ ހަފްތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޗަންޕާ ކުންފުނީގެ އެއް ހިއްސާދާރު އަދި ސައުތު އެފްރިކަން އެއަރވޭސްއިން ގަމަށް ދަތުރުތައް ފެށުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ޙުސައިން އަފީފް ވިދާޅުވީ، ސައުތު އެފްރިކާއިން ރާއްޖެ އަންނަ ފަތުރުވެރިން މިހާރު އަންނަނީ 12 ގަޑިއިރުގެ ދިގު ދަތުރަކަށްފަހުގައި ކަމަށެވެ. ނަމަވެސް ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، މި ދަތުރުގެ ދިގުމިން 7 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށެވެ. އަދި މިއާއެކު އެ ސަރަހައްދުން ރާއްޖެއަށްއަންނަ ފަތުރުވެރިންގެ އަދަދު ނުވަ ހާހުން އަށާރަ ހާހަށް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް އަފީފް ވިދާޅުވިއެވެ.

ރާއްޖެއާއި ސައުތު އެފްރިކާއާ ދެމެދު މި ދަތުރުތައް ހަމަޖައްސާ އެއަރ ޓުއަރ އޮޕަރޭޓާރސްގެ މެނޭޖިންގ ޑިރެކްޓަރ ކެއިތު ވިދާޅުވީ، އައްޑޫ ސިޓީ އަކީ ސައުތު އެފްރިކާގެ ފަތުރުވެރިން ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކޮށްލެވޭނެ ތަނެއްކަމަށެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސައުތުއެފްރިކާއިން ރާއްޖެއަށް ޗާރޓަރ ފުލައިޓް އޮޕަރޭޓްކުރުމާ ގުޅޭގޮތުން އަފީފާއި އެކު މަޝްވަރާކުރިކަމަށާއި، ގިނަ މަޝްވަރާތަކަކަށްފަހު 4 މަސްދުވަހުގެތެރޭގައި މި އެއްބަސްވުންތަކުގައި ސޮއެކުރެވި، މިއަހަރުގެ ތެރޭގައި ސީދާ ދަތުރުތައް ފެށިގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފޭސްގައި ޖޮހޭނަސްބަރގް އިން އައްޑޫ ސިޓީ ގަމާ ދެމެދު ސީދާ ދެމެދު ދަތުރުތައް ފެށިނަމަވެސް ފޭސް 2 ގެ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހޮންގކޮންގއިން ގަމަށް ދަތުރުތައްފަށާނެކަމަށެވެ. އަދި އޭގެފަހުންވެސް ގިނަ މަންޒިލްތަކަކުން ގަމަށް ދަތުރުތައްފަށައި އައްޑޫއަކީ ފަތުރުވެރިންގެ ހަބަކަމަށް ހަދާނެކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ، މިއީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހަކަށްވެގެންދާނެކަމަށެވެ. އެގޮތުން 600 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ގަން އިންޓަނޭޝަނަލް އެއަރޕޯޓް މިހާރުއޮތީ އެންމެ ބޮޑެތި އެއަރލައިންތަކަށްވެސް ޖެއްސޭނެގޮތަށް ތަރައްޤީކުރެވިފައި ކަމަށެވެ. އެގޮތުން އުންމީދަކީ އިތުރު އެއަރލައިންތައްގެނެސް އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ސައުތު އެފްރިކާއިން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުން މީގެ ފައިދާ ލިބިގެންދާނީ ހަމައެކަނި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނޫންކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

މިދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ސަރަހައްދުން ކޮންމެ ހަފްތާއަކު 300 ފަތުރުވެރިން ސައުތު އެފްރިކާ ސަރަހައްދުން އައްޑޫ ސިޓީއަށް އަންނާނެއެވެ. އަދި މިދަތުރުތަކުގައި 20 ޓަނުގެ ކާގޯ ރާއްޖެ އިންޕޯޓްކޮށް އެސްޕޯޓްކުރެވޭނެ ކަމަށްވެސް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

މިހާރުވެސް ސްރީލަންކަން އެއާލައިންސްއިން އަންނަނީ ސްރީ ލަންކާ އާއި އައްޑޫ ސިޓީ ގަމާ ދެމެދު ސިދާ ދަތުރުތައް ބާއްވަމުންނެވެ.

އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އީކުއޭޓާ ވިލެޖާއި ޝަންގްރިއްލާގެ އިތުރުން ހެރެތެރެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. މިހާރު އައްޑޫގައި 800 ފަތުރުވެރިންނަށް އެއްފަހަރާ ޙިދުމަތްދެވޭނެއެވެ.

 މަސްދަރު: ޕީއެސްއެމް
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ...

އައްޑޫ މޮނިޓަރިންއިން ނަގައި ދިނުމަށް އެޗުޕީއޭއަށް ދަންނަވައިފި

މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. އެހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން ...

މާލީގެ ސިފައިން ނުކުމެ ރައީސް އާއި ބޮޑުވަޒީރު ހައްޔަރުކޮށްފި

މާލީގެ ސިފައިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާއާއި ބޮޑުވަޒީރު ބޫބޫ ސީސާ ސިފައިންގެ ބެލުމުގެ ...