ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު މެޗްގައި ހިތަދޫ އެފްސީގެ މައްޗަށް ކުރި ހޯދައި، މަރަދޫ އެފްސީން މިމުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅެވުނު މިމެޗް މަރަދޫ އެފްސ ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.  މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަނަމަވެސް  ހިތަދޫ އެފްސީގެ ޑިފެންސަށް  މަރަދޫޓީމްގެ  ފޯވަޑް ހުސެން އައިކްގެ ފަރާތުން ވަރަށްބޮޑަށް ނުރައްކާތައް ކުރިމަތިވަމުން ގޮސްފައިވެއެވެ. މިގޮތުން ހިތަދޫ ޓީމްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން މަރަދޫޓީމްގެ އައިކްއަށް ހިތަދޫޓީމްގެ ކުޅުންތެރިއަކު ކުރި ފައުލްއަކާއިގުޅިގެން މެޗްގެ 26 ވަނަ މިނިޓްގައި މަރަދޫޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މިޕެނަލްޓީ ކާމިޔާބުކޮށް މިމެޗްގައި މަރަދޫޓީމަށް ލީޑު ނަގާދިނީވެސް އައިކްއެވެ.

މަރަދޫޓީމް  ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމިގެން ދިޔަނަމަވެސް ފުރަތަަމަ ހާފްގައި އިތުރު ލަނޑު ތަކެއް ކާމިޔާބުކޮށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު މަރަދޫޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އައިކްއަށް ލިބި އެފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔަތަން ފެނިގެންދިޔައެވެ. އެހެންނަމަވެސް  ފުރަތަމަ ހާފްގައި ނަތީޖާ ހަމަހަމަކޮށްލެވޭނެ ހުސްފުރުސަތެއް ހިތަދޫޓީމްގެ ކުޅުންތެރީންނަށް ލިބިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ހިތަދޫ ޓީމް ނުކުތީ އެޓީމްގެ ބެންޗްގައި ހިމެނޭ ތަޖުރިބާ ކާރު ކޯޗުންގެ  އިރުޝާދުގެ ދަށުން ކޮންމެވެސް ވަރެއްގެ  ބަދަލުދަތަކާއެކުގައެވެ.  މިބަދަލުތަކާއެކު ދެވަނަ ހާފްގެ ކުޅުން ފަށައިގެން  ވަރަށްބޮޑަށް ކުރިއަށްޖެހި އެޓޭކްތައް ވަރުގަދަކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 55 ވަނަ މިނިޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ހިތަދޫޓީމްގެ ޖޯޒީނަމްބަރު 9 ރަފާހުއެވެ. ރަފާހު މިލަނޑު ކާމިޔާބުކޮށްފައިވަނީ މަރަދޫޓީމްގެ ޕެނަލްޓީއޭރިޔާގެ ބޭރުން ރަފާހުއަށް ލިބުނުބޯޅަ އެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ރަފާހުއަށް  މިލަނޑު ކާމިޔާބު ކުރުމަށް ބޯޅަ ލިބުނު ވަގުތު ރަފާހު ހުރީ އޮފްސައިޑްގައިކަމަށްބުނެ މަރަދޫޓީމްގެ  ކުޅުންތެރީން ރަހާފު ދޫކޮށްލާފައިވަނިކޮށް ރަފާހުއަށް ލިބުނު ބޯޅަ މަރަދޫޓީމްގެ ގޯލްތެރެއަށް ފޮނުވާލި ނަމަވެސް ރަފާހު އޮފްސައިޑްކަމަށް  ރެފްރީއާއި ލައިންސްމަންވެސް ދައްކާފައިނުވެއެވެ.

ހިތަދޫޓީމުން މިލަނޑު ކާމިޔާބުކުރިތާ 3 މިނިޓްފަހުން   މަރަދޫޓީމްގެ ދެވަނަ ލަނޑު މެޗްގެ 58 ވަނަ މިނިޓްގައި ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް މަރަދޫޓީމުންވަނި ބަދަލުކޮށްފައެވެ. މިލަަނޑު މަރަދޫޓީމަށް ކާމިޔާބުކޮށްދީނީ ހިތަދޫ ޕެނަލްޓީއޭރިޔާގެ ބޭރުން އައިކްއަށް ލިބުނު ބޯޅައެއް ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

މަރަދޫޓީމްގެ މިލަނޑަށްފަހު ހިތަދޫޓީމްގެ ކުޅުންތެރީން ވަރަށްބޮޑަށް ކުރިއަށްޖެހި ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތކުރަމުން ދަނިކޮށް މަރަދޫޓީމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން މެޗްގެ 78 ވަނަ މިނިޓްގައި ހިތަދޫޓީމްގެ ޖޯޒީ ނަމްބަރ 11 އީމާން ވަނީ ހިތަދޫޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ހިތަދޫޓީމްގެ މިލަނޑަށްފަހުވެސް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ހިތަދޫ ކުޅުންތެރީންނަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް މިފުރުސަތުގައި ހިތަދޫ ޓީމްގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވަނީ ބޭރަށް ގޮސްފައެވެ.

މިމެޗްގެ ފަހުވަގުތު ކޮޅު ހިތަދޫޓީމްގެ ކުޅުންތެރީން ލަނޑެއްކާމިޔާބުކޮށް މޮޅުވުމަށްޓަކައި ވަރަށްބޮޑަށް ކުރިއަށްޖެހި މަރަދޫޓީމްގެ ހާފްގެތެރޭގައި ކުޅެމުންދަނިކޮށް މެޗްގެ އިތުރު ވަގުތުގެ 2 ވަނަ މިނިޓްގައި ކައުންޓާ އެޓޭކްގައި މަރަދޫޓީމްގެ ކުޅުންތެރީންވަނީ އެޓީމްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައިވެއެވެ. މިލަނޑު މެޗްގެ 92 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މަރަދޫޓީމްގެ ޖޯޒީ ނަމްބަރު 9 ހޫދު އައްބާސްއެވެ.

މިމެޗް 3-2 ގެ ނަތީޖާއަކުން މަރަދޫޓީމް ކާމިޔާބުކުރުމާއި ގުޅިގެން އެޓީމަށް ދެމެޗުން 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމުން ދެންކުޅެންޖެހޭ މެޗްތަކުގެ ތެރެއިން އެޓީމް ހުޅުދޫޓީމް އަދި ހިތަދޫ އެފްސީ ޖޫނިއާސްއާއި ބައްދަލުކުރާމެޗުން މޮޅުވާނެކަމަށް ބެލެވޭއިރު އެޓީމަށް ވާދަވެރިމެޗަކަށް ކުޅެންޖެހޭ މެޗަކަށް އޮތީ ފޭދޫޓީމާ ބައްދަލުކުރާމެޗެވެ.

ހުޅުދޫޓީމާ ހިތަދޫއެފްސީ ޖޫނިއާސްމެޗުން މަރަދޫޓީމް މޮޅުވެއްޖެނަމަ އެޓީމަށް 10 ޕޮއިންޓް ލިބި މިމުބާރާތުގެ ފައިނަލުން  ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ބަހާއުއްދީން މަގުސާފްކުރުމުގެ މަސައްކަތް

މީދޫ އަވަށު އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ވެށި ސާފްކުރުމުގެ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން މީދޫ ބަހާއުއްދީންމަގު  ސާފްކުރުން ...

އައްޑޫ ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނެ ކަންކަން ފަހިކޮށްދިނުން މިއަހަރުގެ ކައުންސިލްގެ ބަޖެޓްގައި

އައްޑޫސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ޓްރަސްޓް ...

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ...