މަޝްހޫރު ވިޔަފާރިވެރި އެމް.އެޗް.އޭ.ގެ ބާނީ ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެ

  މަޝްހޫރު ވިޔަފާރިވެރި  އެމް.އެޗް.އޭ.ގެ ބާނީ   ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ.

  ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޢުމުރުން 88 އަހަރުގެ ޙުސައިން ޢަބްދުﷲ ކޯވިޑް-19އަށް ޕޮޒިޓިވްވެގެން އޭނާއަށް ފަރުވާދެމުންދަނިކޮށް އަވަހާރަވީ ރޭ 11:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް އޭނާގެ އަނބިކަނބަލުން ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމްވެސް މީގެ ކުރީންވަނީ ނިޔާވެފައެވެ. އާމިނަތު އާދަމް  ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ. އާމިނަތު އާދަމްއަކީ  ރާއްޖެއިން ކޯވިޑް-19ބަލީގައި މަރުވި ފުރަތަމަ މީހާއެވެ.

  ޙުސައިން ޢަބްދުﷲ ނުވަތަ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތްތައް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

  މަރޮށީ ޙުސައިން ކަލޭފާނަކީ، އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ. މަޝްހޫރު އެމް.އެޗް.އޭ.ގެ ބާނީއަކީ އޭނާއެވެ.

  ޙުސައިން ކަލޭފާނު، ވިޔަފާރީގެ ފައިދާއިން އެންމެބޮޑު ހޭދައެއް ކުރައްވާފައިވަނީ، އުފަން ރަށް މަރޮށްޓަށެވެ. އެމަނިކުފާނަކީ އަމިއްލަ މުދަލާއި ފައިސާ، އުފަން ރަށަށްޓަކައި އަދި ރަށުގެ ތަރައްޤީއަށްޓަކައި، ދަރިންގެ ތަޢްލީމަށްޓަކައި ގިނަ ހޭދަތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި ތަޢްލީމަށް އޮތް ބޮޑު އަހަންމިއްޔަތު ހާމަވެގެންދަނީ، ރަށުގެ ރައްޔިތުންގެ މެދުގައި، ޢިލްމު އުނގެނުމުގެ ހޭލުންތެރިކަން އުފެއްދެވުމަށް، އެމަނިކުފާނު ކުރެއްވި ހީވާގި މަސައްކަތްތަކުގެ ސަބަބުންނެވެ. ރަށުގައި ހުރި މައުލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ކަންތައްތަކެވެ. އޭގެއިތުރުން، އުރުދޫބަސްވެސް ކިޔަވައިދެއްވިއެވެ. އަދި 11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އެމަނިކާނުގެ އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ފޯރުއްވައިދެއްވަން ފެށްޓެވިއެވެ. މުޅިން ހިލޭ ސާބަހަށެވެ. ހުރިހާ ކަމެއްވެސް އަމިއްލަފުޅަށެވެ. ދުވަހުން ދުވަހަށް ސްކޫލް ތަރައްޤީ ކުރައްވައި ކުރިއެރުއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.

  1980ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް ސްކޫލް ތަރައްޤީ ކުރެއްވިއެވެ. އެގޮތުން 10 ކްލާސްރޫމާއި، ހޯލަކާއި، އޮފީސް ޢިމާރާތެއް ބިނާކުރެއްވިއެވެ. އެ މަދަރުސާގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވިއެވެ.

  މަރޮށީ ޙުސައިން ކަލޭފާނަކީ އަތޮޅުތެރޭގެ ތަޢްލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންނަވައިގެން، އަމިއްލަފުޅު ޚަރަދުގައި އެކުދިންނަށް ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި ޢާއިލާތަކުގެ ކުދިންނަށްވެސް އަމިއްލަފުޅު ޚަރަދުގައި ކިޔަވައިދެއްވިއެވެ.

  27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސްކޫލްގެ ޢިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަފުޅު ޚަރަދުގައި ބަދަލުކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ ސްކޫލަކަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މަދްރަސަތުލް މުނައްވަރާއަކީ، ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

  އެމަނިކުފާނުގެ ތަޢްލީމީ ޚިދްމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އަތޮޅުގެ ކޮންމެ ރަށަކުން ކުއްޖަކާއި، ބިލެތްފަހިންނާއި މަރޮށިން، ދެކުދިން ޤުރްއާން ހިތުދަސްކޮށް، ޤާރީކަމުގެ ސަނަދު ހޯދުމަށް ޕާކިސްތާނަށް ފޮނުއްވި ފޮނުއްވުމެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރަށް ތަޢްލީމު ހާސިލުކުރުމަށް ދިޔުމަށް ބައެއް ކުދިންނަށް އެހީތެރިކަންވެސް ދެއްވިއެވެ. އޭގެތެރެއިން ބައެއް ކުދިން މަދީނާ ޔުނިވަރސިޓީންނާއި، ރިޔާޒު ޔުނިވަރސިޓީން ތަޢްލީމު ހާސިލުކުރިއެވެ. މިހާރުވެސް ލަންޑަނުގައި 3 ކުދިން، މެލޭޝިޔާގައި 4 ކުދިން، ޙުސައިން ކަލޭފާނުގެ ޚަރަދުގައި ތަޢްލީމު ހާސިލު ކުރަމުން އެބަގެންދެއެވެ. މަރޮށީގެ ދެކުދިން އެމެރިކާއަށް ފޮނުއްވައިގެން ޕައިލެޓްކަން ދަސްކޮށްދެއްވިއެވެ. އަދި ބޭސްފަރުވާގެ ގޮތުން އެހީއަށް އެދިގެން އަންނަ ފަރާތްތަކަށް އެހީވެދެއްވާފައިވެއެވެ.

  މަރޮށީ ޙުސައިން ކަލޭފާނުގެ ޚިދްމަތް ފެނިފައިވަނީ، ހަމައެކަނި ތަޢްލީމީ ދާއިރާއަކުން ނޫނެވެ. އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް އެމަނިކުފާނަކީ އެފަދަ ދެވަނައެއްނުވާ ޚިދްމަތްތެރިއެކެވެ. އެގޮތުން، މަރޮށީގައި ކަރަންޓުގެ ޚިދްމަތް ދިނުމަށް، ރަށުގެ ޖަމްޢިއްޔާއިން ކުރަމުން އައި މަސައްކަތަށް ނުހަނު ބޮޑު ހޭދައެއް ކޮށްދެއްވިއެވެ. އަދި ސަރުކާރުން މަރޮށީގައި ހައްދަވައިދެއްވި ބަނދަރުގެ މަސައްކަތް ރައްޔިތުން ކުރަމުން ދިޔައިރު، ބޮޑެތި އެހީތަކެއް ވެދެއްވާފައިވެއެވެ. މީގެއިތުރުން، އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމަނިކުފާނުވަނީ މިސްކިތްތައް ބިނާކޮށްދެއްވާފައެވެ.

  މަރޮށީ ޙުސައިންކަލޭފާނުގެ ޚަރަދުގައި، ބިލެތްފަހީގައި މިސްކިތެއް ޢިމާރާތްކުރައްވައި، އަދި އިތުރު ދެރަށެއްގައި ދެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ހިންގަވަމުން ގެންދަވާފައިވެއެވެ. މީގެ އިތުރުން، އަތޮޅުގެ ރަށްރަށުގެ ވަރަށް ގިނަ މިސްކިތްތަކަކަށް ބޮޑެތި އެހީތައް ވެދެއްވާފައިވެއެވެ.

  ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު މަރޮށީ ޙުސައިން ކަލޭފާނަށްވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވާފައެވެ.

  މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ޔޫރޯ ފުޓްބޯޅަ މުބާރާތް : ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފި

  ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފިއެވެ. ރޭ އިޓަލީގެ ރޯމުގައި ފެށުނު މި މުބާރާތުގެ ...

  ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

  ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ...

  ކޯވިޑް-19 : މާލެއިން 16ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ

  މާލެއިން 16ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ބައްޔަށް މިފަހަރު ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ...

  ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި

  ހުޅުދޫއާއި މީދޫގެ ބަހާއުއްދީން ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ. މިމަސައްކަތްތައް ހަވާލްކުރުމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ...

  އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

  އެކްސިޑެންޓަކާއި ގުޅިގެން މުހައްމަދުދީދީ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ. ފުލުހުންގެ ވެބްސައިޓްގައި  ހާމަކޮށްފައިވަނީ  ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ...

  މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

  މިއަދު ( 11 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...