ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ 2-0 އިން ބަލިކޮށް ހިތަދޫ އެފްސީ އުސްގަޑަ ކްއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އެފްސީ އުސްގަޑަ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގައި އެޓީމުގެ މުހައްމަދު ރިފާހު ޖަހައިދިން ލަނޑުންނެވެ. މިއީ ކޯނަރެއް ކުރުކޮށް ކުޅެފައި އުސްގަޑުގެ ރިފާހު ހެދި ބާރު ޝޮޓުން ނުކުތް ރިބައުންސްގައި ކާމިޔާބުކުރި ލަނޑެކެވެ. އުސްގަޑަ ޓީމުން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުމުގައި ކާމިޔާބުކޮށްދިނީ އަހުމަދު އިބްރާހިމްއެވެ.
ނޮރިންމައަށް މި މެޗުގައި ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވި ނަމަވެސް އެޓީމުގެ ކުޅުންތެރީންވެސް އުސްގަޑަ ޓީމުގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތް ކޮށްފައިވެއެވެ.
މި ނަތީޖާއާ އެކު ބީ ގްރޫޕްގައި ހިމެނޭޓީމުތަކުގެ ތެރެއިން އުސްގަޑަށް 3 މެޗުން ހަތް ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނަ މިވަގުތާހަމައަށް ލިބިފައިވާއިރު އެޓީމު ބީ ގްރޫޕުން ކްއާޓާފައިނަލަށް ހޮވުމުގެ ފުރުސަތުވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.
ބީ ގްރޫޕްގައި ދެން ހިމެނޭ ޓީމްތަކުގެ ތެރެއިން ފޭދޫ ކަޅަބެންޗާއަށް 3 މެޗުން 2 ޕޮއިންޓް ލިބިފައިވާއިރު މަރަދޫ ގަބުރު އެފްސީއަށް 3 މެޗުން 5 ޕޮއިންޓްވަނީ ލިބިފައެވެ. އަދި މިގްރޫޕްގައި ދެންހިމެނޭ އަފިރިން ޓީމަށް ދެމެޗުން 4 ޕޮއިންޓް ލިބިފައިވާއިރު މީދޫ ނޮރިންމަ އެފްސީ ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުސްގަޑަޓީމްގެ އަހުމަދު އިބްރާހިމްއެވެ.
ކޮމެންޓްސް (0)