އީޔޫ ޕާލިމެންޓްގެ ޤަރާރަށް އަމަލު ކުރާކަށް ނުޖެހޭނެ- ޝިފާޤް މުފީދު

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ހޯދައިދިނުމަށާއި، މަރުގެ ހުކުމް ތަންފީޒް ނުކުރުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ނެރުނު ޤަރާރަށް ރާއްޖެއިން އަމަލު ކުރަން ނުޖެހޭނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިފާގް މުފީދު ވިދާޅުވެއްޖެއެވެ. ޝިފާޤް މިހެން ވިދާޅުވީ ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންމެ ފުރަތަމަ ބާބުގެ 10 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި ށ. ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި މިހެން ބުނެފައި ވަނިކޮށް، ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް މާއްދާ ބާތިލު ކުރުމަށް ގޮވާލާފައެވެ.

އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ. މިފަދަ ޤަރާރެއް ހުޅަނގުގެ ޔަހޫދީން ގުޅިގެން ނެރުމާއެކު، ލާދީނީ ފިކުރަށް ތާއީދުކޮށް، އަނެއް ދިވެހި ރާއްޖެއަށް ދިވެހިން ގެންދަން އުޅުނު މީހުން އަންނަނީ އެކަމާ އުފާ ފާޅު ކުރަމުންނެވެ. އީޔޫ ޕާލިމެންޓްގެ ޤަރާރުގައި ދިވެހި ފަސްގަނޑުން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި ގޮވާލުމާއި ގުޅިގެން މަދު ބަޔަކު އުފާފާޅު ކުރަމުން އައި ނަމަވެސް އެ ޤަރާރު ވެގެން ދިޔައީ، އިސްލާމީ މަތިވެރި ހިދާޔަތު ލިބިގެން ތިބި ދިވެހިންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވި ޤަރާރަކަށެވެ.

އީޔޫގެ ޕާލިމެންޓުގެ ޤަރާރެއްގައި ދިވެހިން މީގެ އެތައް ސަތޭކަ އަހަރު ކުރިން އިހްތިޔާރު ކުރި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދީ، އެދީނުގެ ހުކުމްތައް ތަންފީޒް ނުކުރުމަށް ގޮވާލުމުން އެކަމަށް ދިވެހިން ބޯލަނބަން ޖެހޭނެތޯއެވެ؟  ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ވިދާޅުވީ، އީޔޫ ޕާލިމެންޓްގެ ޤަރާރާއި ގުޅިގެން ދިވެހިން ކަންބޮޑުވާން ނުޖެހޭ ކަމަށާއި، އެފަދަ ޤަރާރަކަށް އަމަލު ކުރަންވެސް ނުޖެހޭނެ ކަމަށެވެ.

ރާޢްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ޤައުމުތަކުގެ ނުފޫޒު ވައްދައިގެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކޮންކަމެއް ހާސިލް ކުރަން ކަމާމެދު މިއަދު ދިވެހި ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަންޖެހެއެވެ. ލާދީނީ ފިކުރުގެ ބަޔަކު، ބޭރުގެ ފަރާތްތަކުގެ މަދަދު ހޯދައިގެން ރާއްޖެއިން އިސްލާމްދީން ފޮހެލުމަށްޓަކައި ފާޅުގައި މަސައްކަތް ކުރަމުން އަންނައިރު، އިދިކޮޅު ފަރާތްތަކުގެ ހަޤީޤީ މަޤްސަދު ވަރަށް ރަނގަޅަށް މިވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން ޝިފާޤް ވިދާޅުވީ، ހުޅަނގުގެ ފިކުރަށް ތާއީދު ކުރައްވާ، އަދި ދޮން މީހުން އުޅެންޖެހޭ ގޮތަށް އުޅެންޖެހޭ ކަމަށް ވިދާޅުވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމާމެދު އިލްމުވެރިން ދެކޭ ގޮތް އޮޅުންފިލުއްވަން ބޭނުންވެލެއްވި ކަމަށެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން މަގުމަތިން ވައްޓާލަން މަސައްކަތް ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނާއި މެދު އޮންނަ ލޯބި އިތުރުކުރުވާ،އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ޔޫއެން އަދި އީޔޫ ފަދަ ޖަމުއިއްޔާތަކުން ނެރޭ ކޮންމެ ޤަރާރެއްގައިވެސް އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާކަމީ ދިވެހިން މިއަދު ދަންނަ ހަޤީޤަތެކެވެ. އެހެން ދީންތަކަށް ފުރުސަތު ދީ، ރާއްޖޭގައި ފައްޅި އެޅުމަށް ބޭރުގެ ކޮންމެ ޖަމުއިއްޔާއަކުން ގޮވާލި ނަމަވެސް ދިވެހިން އެކަމަށް އިޖާބަ ނުދޭނެ ކަމީ ޝައްކެތް ވެސް އޮތްކަމެއް ނޫނެވެ.

މަސްދަރު: ޗެނަލް 13

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ...

ޤައުމުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ރައްޔިތުންނަށް ހާމަ ކުރާނަން – ރައީސް

ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ...

އެފްއޭކަޕް ޗެމްޕިއަންސް ލެސްޓާގެ ދެ ކުޅުންތެރިން ވިހުރުވާލީ ފަލަސްތީނު ދިދަ

މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ އިގިރޭސި އެފްއެޭ ކަޕްގެ ފައިނަލް މެޗަށް ފަހު ލެސްޓާސިޓީގެ ފްރާންސްގެ 21 އަހަރުންދަށުގެ ގައުމީ ...